10 Dec 2013, 13:21
ރާއްޖޭގައި މި މަހުގެ 21-23 އަށް ބާއްވާ ހަތް ވަނަ އެސޯސިއޭޝަން އޮފް ސާކު ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސް ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ، ސާކު ގައުމުތަކުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ ޖަމިއްޔާގެ ބައްދަލުވުން ރާއްޖޭގައި ބޭއްވުމުން ޑިމޮކްރަސީ ކުރިއަރުވަން ރާއްޖެ އިން ކުރަމުން ގެންދާ މަސައްކަތްތައް ފާޅުކަން ބޮޑު ގޮތެއްގައި ދުނިޔެއަށް ހާމަވެގެން ދާނޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަން މި ބޭއްވޭ ކޮންފަރެންސްގެ ސަބަބުން، ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް. ރާއްޖޭގެ މަޖިލީހުގެ މެންބަރުންނަނަށް އިތުރު މައުލޫމާތުތަކެއް، އިތުރު ފުރުސަތުތަކެއް ލިބިގެންދާނޭ ކަމަށް. އަދި ހަމަ އެއާ އެކު ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތައް ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދާނެ ކަމަށް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ސާކު ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސް އެސޯސިއޭޝަން އަކީ، 1992 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ބޭނުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ޕާލިމެންޓަރީ ކަންތަކުގައި ބައިވެރިވުން އުފެއްދުމާއި އެކުވެރިކަން އާލާކުރުމާއި ކަންކަމުގައި ތަޖްރިބާ ބަދަލުކުރުމުގެ ފުރުސަތުތައް ހޯދައިދިނުމެވެ.
މިފަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ހިމެނޭ ގައުމުތަކަކީ، އަފްޣާނިސްތާން، ޕާކިސްތާން، އިންޑިއާ، ބޫޓާން އަދި ސްރީލަންކާ އެވެ.
"މިވަގުތު ނޭޕާލް އަދި ބަނގުލަދޭޝްގައި ސިޔާސީ ކަންތައްތައް ހުރިގޮތުންނާއި އެގައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުރި ގޮތުން މި ޖަލްސާގައި އެގައުމުތަކަށް ބައިވެރި ނުވެވޭނޭކަން ވަނީ އަންގަވާފައި،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، ބަނޑޮސް އައިލެންޑް ރިސޯޓްގައި ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންފަރެންސް ހުޅުއްވައިދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށެވެ. އަދި ޖަލްސާގައި ބަހުސު ކުރާނީ، މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކޮށްގެން ދެކުނު އޭޝިއާގައި ޑިމޮކްރަސީ ތަރައްގީ ކުރުމާއި އަދި ޑިމޮކްރަސީ އާއި އެންމެންގެ ބައިވެރިވުމާ އެކު ތަރައްގީ – ސާކު އެމްޑީޖީގެ ލަނޑުދަނޑިތައް ހާސިލްކުރުން، މި ދެމައުލޫގެ މައްޗަށް ކަމަށެވެ.
ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ، ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ މަޖިލިސްތަކުގައި ހިމެނިވަޑައިގަންނަވާ އަންހެން ކަނބަލުންގެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
"އެ ބައްދަލުވުމުގެ މައިގަނޑު މައުލޫއަކީ ދެކުނު އޭޝިއާގެ ސިޔާސީ ހަޔާތުގައި އަންހެން ކަނބަލުންގެ ބައިވެރިވުން އިތުރު ކުރުމާއި އެކަމަށް ހުރި ފުރުސަތުތަކާއި އަދި ގޮންޖެހުންތައް،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ސާކު ގައުމުތަކުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ ޖަމިއްޔާގެ މިފަހަރުގެ ބައްދަލުވުމުގައި ޖުމުލަ 60 ބައިވެރިން ހިމެނޭނޭ ކަމަށް ލަފާކުރަށްވާ ކަމަށެވެ.
"މި ކޮންފަރެންސްގައި އަޅުގަނޑުމެންގެ މަޖިލީހުގެ ފަރާތުން 21 މެންބަރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ. އާންމުކޮށް ހަމަޖެހިފައި އޮންނަ އުސޫލުން ޖަލްސާ ބާއްވާ ގައުމުގެ ފަރާތުން އެހެން ގައުމުތަކަށް ވުރެ ގިނަ މެންބަރުން ވަފުދުގައި ބައިވެރިވެ ވަޑައިގަންނަވާ. އެހެން ގައުމުތަކުން ބައިވެރިވެވަޑައިގަންނަވާނީ އަށް މެންބަރުންގެ ވަފުދެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއިން ބައިވެރިވާ ވަފުދަށް މަޖިލީހުގެ މެންބަރުން ހޮވާފައިވާނީ، ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު، މަޖިލީހުގައި ޕާޓީތައް ބެހިފައިވާ ގޮތަށް ބައްލަވާފައި ކަމަށެވެ.
"މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު ޕާޓީތައް މަޖިލީހުގައި ނިސްބަތްވާ އަދަދަށް ބަލައިގެން އެ އަދަދުތައް ބަހައިލީ އެބޭފުޅުންގެ އެއްބަސްވެވަޑައިގަތުމާ އެކީގައި. އަދި ހަމަ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަށް ވެސް ފުރުސަތު ލިބިގެންދާ ގޮތަށް،" ޝާހިދު ވިދާޅުވި އެވެ.
އެސޯސިއޭޝަން އޮފް ސާކު ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސްގެ ހަތްވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމީ، 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބޭއްވި އެ ޖަމިއްޔާގެ ހަވަނަ ބައްދަލުވުމުގަ އެވެ.