10 Dec 2013, 12:35
އެމީހަކު ބޭނުން ތަނެއްގެ ފޮޓޯ ނެގުމަށްފަހު ސްޓްރީޓް ވިއު އަށް އެ ފޮޓޯތައް ލުމުގެ ފުރުސަތު ގޫގުލް އިން އާއްމުކޮށް ހުޅުވާލައިފިއެވެ.
ގޫގުލް ގެ ސްޓްރީޓް ވިއު ޓެކްނޮލޮޖީއަކީ 2007 ވަނަ އަހަރު އެ ކުންފުނިން ތައާރަފްކުރި ޓެކްނޮލޮޖީއެކެވެ. އެ ކުންފުނީގެ ގޫގުލް މެޕްސް އާއި ގޫގުލް އާތު ސޮފްޓްވެއާ ބޭނުންކޮށްގެން ވަދެވޭ ސްޓްރީޓް ވިއު އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާ ފޮޓޯތަކުގެ 360 ޑިގްރީ އެންގަލް ބަލައިލެވޭ ޓެކްނޮލޮޖީއެކެވެ.
ސްޓްރީޓް ވިއުގައި މިހާތަނަށް ފެންނަން ހުންނަނީ ގޫގުލްއިން ލާފައި ހުންނަ ފޮޓޯތައް އެކަންޏެވެ. ނަމަވެސް މިއަދުން ފެށިގެން ކޮންމެ މީހަކަށް ވެސް ފޯނުން ނުވަތަ ޑީއެސްއެލްއާރު (ޑިޖިޓަލް ސިންގަލް ލެންސް ރީފްލެކްސް) ކެމެރާއިން ނަގާ ފޮޓޯތައް ގޫގުލް މެޕްސްގެ ތެރެއިން ސްޓްރީޓް ވިއުއަށް ލެވިދާނެއެވެ.
މިކަމަށް ހާއްސަ ޓޫލެއް ވެސް ގޫގުލްއިން ވަނީ ތައާރަފްކޮށްފަ އެވެ. މި ޓޫލް ބޭނުންކޮށްގެން ވަކި ވަކިން ނަގާފައިވާ ފޮޓޯތައް ގުޅާލައި ޕެނޮރާމާއެއް ތައްޔާރުކޮށްލެވެ އެވެ. އަދި އަޕްލޯޑުކޮށް ޕަބްލިޝްކުރުމުން ގޫގުލް މެޕްސް މެދުވެރިކޮށް އާއްމުންނަށް އެ ފޮޓޯ، އެއް ބޮޑު ޕެނޮރަމިކް ފޮޓޮއެއްގެ ގޮތުގައި ފެންނާނެ އެވެ.
“އެކި މީހުން ލާނެ ސްޓްރީޓް ވިއު ތަކަކީ ކޮބައިތޯ ބަލައިލަން އަހަރުމެން ވަރަށް ބޭނުންވެފައި މިތިބީ،” ގޫގުލްއިން އެކުންފުނީގެ ބްލޮގުގައި ޝާއިއުކުރި ލިޔުމެއްގައި ވެއެވެ.
“މިސާލަކަށް، ތިމާވެށި ރައްކާތެރިކުރުމަށް ބާރު އަޅާ ޖަމިއްޔާތަކަށް އެމީހުން ހިމާޔަތްކުރަން ބޭނުންވާ ތަންތަނުގެ ފޮޓޯތައް ނަގައި، ކުރިއަރުވައި ހެދޭނެ. އޭގެ އިތުރުން ފޮޓޯގްރާފަރުންނަށް ވަކި ތަނެއްގައިވާ ރީތިކަން ދައްކައިލެވޭނެ. އެއީ ދުވަހުގެ އެކި ގަޑިތަކުގައި ކަމުގައި ވިޔަސް، މޫސުން އުޅޭގޮތް ކަމުގައި ވިޔަސް، ނުވަތަ ސަގާފީ ކަންކަން ކަމުގައި ވިޔަސް. ސްޓްރީޓް ވިއު އިން ކުރިން ކަވަރު ނުކުރެވޭ ގޮތްތަކަށް މި ކަންކަން މިހާރު ކަވަރުކުރެވޭނެ،” ގޫގުލްގެ ބްލޮގުގައި ވެއެވެ.
ޑިޖިޓަލް ޗާޓުތަކާ މެޕުތައް އަންނަނީ ދުނިޔޭގައި އާއްމުވަމުންނެވެ. ސްމާޓްފޯން ތަކާ ޓެބްލެޓްތައް ބޭނުންކޮށްގެން ކޮންމެ ތަނެއް ވެސް ހުންނަ ހިސާބު ހޯދައިލައި، އެތަންތަނަށް ދާނެ މަގު ދެނެގަނެވޭ ޓެކްނޮލޮޖީ ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ.
އާއްމުންނަށް ހުޅުވާލުމުގެ ކުރިން ގުގުލްއިން ސްޓްރީޓް ވިއުއަށް ފޮޓޯ އަޅާފައި ވަނީ އެމީހުންގެ އަމިއްލަ ދުއްވާ ތަކެތި ބޭނުންކޮށްގެން، ދުނިޔޭގެ އެކި މަގުމަގުގައި ދުއްވައި ފޮޓޯ ނަގައި އެއްކޮށްގެންނެވެ. ނަމަވެސް މީގެ ސަބަބުން ދުއްވާތަކެއްޗަށް ދާން އުނދަގޫ ބައެއް ހިސާބު ހިސާބުގެ ފޮޓޯ ހޯދަން ގޫގުލް އަށް ވަނީ އުނދަގޫވެފަ އެވެ.