10 Dec 2013, 12:33
ތައިލެންޑުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަ ކުރިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޔިންގްލަކް ޝިނަވަޓްރާ ވިދާޅުވެއްޖެ އެވެ.
މުޒާހަރާތައް ވަރުގަދަކުރުމާ ގުޅިގެން ތައިލެންޑުގެ ގާނޫނު ހަދާ މަޖިލިސް އުވާލާ، އާ އިންތިހާބުތައް ފެބްރުއަރީގައި ބޭއްވުމަށް ޔިންގްލަކް އިއުލާން ކުރައްވާފައިވާއިރު، އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ މަގުމަތީގައި މުޒާހަރާކުރަމުން ނެވެ.
މުޒާހަރާގެ ބައިވެރިން އެދެމުންދަނީ ފެބްރުއަރީގެ އިންތިހާބުގެ ކުރިން ބޮޑުވަޒީރު ޔިންގްލަކް އިސްތިއުފާ ދެއްވާ، "ރައްޔިތުންގެ ބޮޑުވަޒީރަކާ" ވެރިކަން ހަވާލު ކުރުމަށެވެ.
ދެހާސް ދިހައެއްގެ ފަހުން ތައިލެންޑަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަން ކުރިމަތިވެފައިވާއިރު، ޔިންގްލަކްއަކީ 2011 ވަނަ އަހަރުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ވެރިކަމާ ހަވާލުވެވަޑައިގެންފައިވާ ލީޑަރެކެވެ.
މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔިންގްލަކް ވިދާޅުވީ މަގުމަތީގައި ކުރަމުންދާ މުޒާހަރާތައް ހުއްޓާލަން އެދޭ ކަމަށާއި ތައިލެންޑުގެ ވެރިއެއް ދެން އަނެއްކާ ވެސް ކަނޑައަޅާނީ ވޯޓުން ކަމަށެވެ.
ހޯމަ ދުވަހު 150،000 އަށް ވުރެ ގިނަ މީހުން ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހުންނަ ސަރުކާރުގެ މައި އޮފީހުގެ ދޮށަށް އެއްވެފަ އެވެ. ހަމަ އެދުވަހު ޔިންގްލަކް ޝިނަވަޓްރާ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލާ އާ އިންތިހާބުތައް ބޭއްވުމަށް އިއުލާންކުރައްވާފަ އެވެ.
ޔިންގްލަކް ޝިނަވަޓްރާއާ މެދު ތައިލެންޑުގެ އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހިފައި ވަނީ ޔިންގްލަކް ވެރިކަން ކުރައްވަނީ މަގާމުން ދުރުކުރެވި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ އެގައުމުގެ ކުރީ ބޮޑުވަޒީރު އަދި ޔިންގްލަކްގެ ބޭބެ ތަކްސިން ޝިނަވަޓްރާ ސަރުކާރު ކޮންޓްރޯލްކުރަމުންދާ ކަމަށް ބުނެ އެވެ.