10 Dec 2013, 12:13
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހެޅި ބަޖެޓަށް ބަދަލުތަކެއް ގެނެސް މިއަދު ސަރުކާރުން ހުށައެޅި ބަޖެޓް 17.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ރައީސް ވަހީދުގެ ސަރުކާރުން ހުށައަޅާފައިވާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓަށް 1.1 ބިލިއަން ރުފިޔާ މިސަރުކާރުން ހުށައެޅި ބަޖެޓުން ވަނީ ބޮޑުކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ސަރުކާރުން މަޖިލީހަށް ހުށެހެޅި 16.4 ބިލިއަން ރުފިޔާގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރިން ވަނީ ވިދާޅުވެފަ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ. ނަމަވެސް ބަޖެޓް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާތީ ބަޖެޓަށް ހުށަހަޅާފައިވާ ތަފްސީލެއް ނޭނގެ އެވެ.
މިއަދުގެ ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވާ ބަޖެޓް 1.1 ބިލިއަން ރުފިޔާ ބޮޑުކޮށްފައިވާ އިރު އޭގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައި ވަނީ ރިކަރަންޓް ހަރަދުތައް ކަމަށެވެ. އަދި ޓެކުސްއިން ލިބޭނެ އާމްދަނީ އިތުރުކުރަން ހުށައަޅާފައިވާ އިރު އެކިއެކި ގޮތްގޮތުން ދައުލަތަށް ލިބޭނެ އާމުދަނީގެ އިތުރުކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މިސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގައި ޑިއުޓީ ނެގުމަށް ނެޕީ އާއި ބޯ ކިރު ވެސް ހިމަނާފައިވާ ކަމަށެވެ. ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ރިސޯޓްތައް 50 އަހަރަށް ކުއްޔަށް ދިނުމަށް ނަގާ ކޮންސެޝަން ފީއިން އެޑުވާންސް ފައިސާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނެގޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި ޓީޖީއެސްޓި ބޮޑުކުރެވި ބެޑް ޓެކުސް އެއް އަހަރަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަންކަން ކުރުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއި މަޝްވަރާކުރުމަށް އޭނާ ހުށައެޅުއްވި އެވެ.
މިއަދުގެ އެ ކޮމެޓީގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ވާހަކަފުޅުތައް ބޮޑަށް ހުރީ އަވަހަށް ބަޖެޓްގެ މަސައްކަތް ނިންމައި ބަޖެޓް ފާސް ކުރުމަށެވެ. އެ ބަޖެޓާ ގުޅިގެން މާގިނަ ހުށައެޅުންތަކެއް އެބޭފުޅުންނެއް ހުށައެއްނާޅުއްވަ އެވެ.
މިއަދު އެ ބައްދަލުވުން ނިންމާލީ މިއަދު މެންދުރު 1:30ގައި ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު އެކޮމެޓީ އަށް ހާޒިރުކޮށް އިތުރު މައުލޫމާތުތައް ސާފުކުރުމަށް ނިންމާފަ އެވެ.
ސަރުކާރުން ބަޖެޓަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް އިއްޔެ ފޮނުވީ، އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަޖެޓް ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި މުއްދަތަށް ވުރެ 15 ދުވަސް ފަހުންނެވެ.
ބަޖެޓްގެ މަސައްކަތް މިއަދު ކޮމެޓީއިން ފަށާފައިވާ އިރު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަޖެޓް ކޮމެޓީގެ މަސައްކަތް ނިންމައި، ތަޅުމަށް ރިޕޯޓު ފޮނުވުމަށް ދެ ފަހަރެއްގެ މަތިން ބަޖެޓް ކޮމެޓީއަށް އަންގައިފަ އެވެ.