10 Dec 2013, 12:08
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ކޮރަޕްޝަނާ ބެހޭ ގޮތުން އެކުލަވާލައިފައިވާ ގްލޯބަލް ކޮރަޕްޝަން ބެރޮމޯޓާ (ޖީސީބީ) ސާވޭގައި ދިވެހި ސިފައިން ހިމަނާފައި ވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް އެމްއެމްޑީއެފުން ބުނެފި އެވެ.
ރާއްޖޭގެ ކޮރަޕްޓްވެފައިވާ މުއައްސަސާތަކުގެ ލިސްޓުގައި 34 ޕަސެންޓާ އެކު ހަތަރު ވަނައިގައި ވަނީ ރާއްޖޭގެ އަސްކަރިއްޔާ ކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.
އެމްއެންޑީއެފުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ލިސްޓުގައި ދިވެހި އަސްކަރިއްޔާ ހިމަނައިފައި ވަނީ ތަފާތު މީހުންގެ ވާހަކައިން ހޯދާފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ކަމަށްވާއިރު އެ ލިސްޓަކީ އެއްވެސް އަސާސެއްގެ މައްޗަށް ހަދާފައިވާ ސާވޭއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ދިވެހި ސިފައިންނަކީ ފަހުރުވެރި މާޒީއެއް އޮތް ބަޔަކަށްވާއިރު ސިފައިންގެ މީހަކީ ވެސް ގައުމީ ހިދުމަތުގައި ނަފުސަށްވުރެ ގައުމު އިސްކޮށްގެން ހިތާއި ރޫޙުން މަސައްކަތް ކުރަމުންދާ ބަޔަކު އުޅެމުންދާ މުއައްސަސާއެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަމަކީ ސިފައިންގެ އަގު ވައްޓާލުމަށް ކޮށްފައިވާ ކަމަށް ކަމެއް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
"ކޮންމެ ސިފައިންގެ މީހަކީ ވެސް ގައުމީ ހިދުމަތުގައި ނަފުސަށް ވުރެ ގައުމު އިސްކޮށްގެން، ހިތާއި ރޫޙުން މަސައްކަތް ކުރަމުންދާ ބަޔަކު އުޅެމުންދާ މުއައްސަސާ އަކަށްވުމާ އެކު، މުއައްސަސާގެ އަގު ވައްޓާލައި، މުއައްސަސާގެ އިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި އަސްކަރިއްޔާ އާއި މެދު ނަފުރަތާއި ނުތަނަވަސްކަން އުފެއްދުމަށް ޓަކައި ކުރަމުންދާ މިބާވަތުގެ މަސައްކަތް ކުށްވެރިކުރަން،" އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ޓީއެމް އިން އިއްޔެ އާއްމުކޮށްފައިވާ އެސާވާގައި ރާއްޖޭގައި އެންމެ ކޮރަޕްޓް މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތައް އަދި ޝަރުއީ ދާއިރާ ކަމަށް ވަނީ ބުނެފަ އެވެ. މި ސާވޭއަކީ 1000 މީހުންނާ އިންޓަވިއުކޮށްގެން ހަދާފައިވާ ސާވާއެކެވެ.