09 Dec 2010, 07:48
ކުދަކުދިންނަށް ކުރާ އަނިޔާތަކުން އެ ކުދިން ދުރުކުރުމުގެ މަގުސަދުގައި އަމިއްލަ ދެ ޖަމިއްޔާ އަކުން ބޭއްވި ކުރެހުމުގެ މުބާރާތުން އެންމެ މޮޅު ފަސްކުރެހުން ހޮވައި އިއްޔެ އިއުލާންކޮށްފި އެވެ.
އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑުރަން (އާކް) އާއި ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް ގުޅިގެން މިދިޔަ މަހުގެ 10 އަކުން 19 އަށް ބޭއްވި ކުރެހުމުގެ މުބާރާތުން އެންމެ މޮޅު ފަސްކުރެހުން ކުރެހީ، އައިޝަތު ފައިނާ ފަސީހު،11، އާއި ފާތިމަތު ޝައުފާ އީސާ 16 އާއި އައިމިނަތު މުރުއަތު މުހަންމަދު 17، އާއި އަހުމަދު ޝައްފާހު، 22، އާއި ސުދާތު ހާޝިމް 22، އެވެ.
އެ ޕޯސްޓަރުތައް ބިލް ބޯޑުތަކެއްގެ ގޮތުގައި މާލޭގެ މަގުތަކުގައި ބަހައްޓަން ހަމަޖެހިފައިވާ ކަމަށާއި ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް އާކުން ބުންޏެވެ.
ގާތަގަނޑަކަށް 500 ވަރަކަށް ކުރެހުން ހުށަހެޅި އެ މުބާރާތުގެ މަގުސަދަކީ ކުޑަކުދިންނާ މެދު ކުރެވޭ ތަފާތު އަނިޔާތަކުން މުޖުތަމައު ހޭލުންތެރި ކުރުވުން ކަމަށް އާކްއިން މައުލޫމާތުދެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެ ކުދިން ދުރުކުރުމަށް އާކު އިން އަންނަނީ ތިލަފުށީ ކޯޕަރޭޝަން އާ ގުޅިގެން އެއް އަހަރު ދުވަހުގެ ކެމްޕޭނެއް މި އަހަރުގެ އޮކްޓޯމްބަރު 11 ފެށިގެން ހިންގަމުންނެވެ.