10 Dec 2013, 11:43
މިހާރު ދެކުނު އެފްރިކާގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ނެލްސަން މަންޑޭލާގެ ހަނދާނީ ހަފްލާގައި ދުނިޔޭގެ 20 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވާނެ އެވެ.
މިއަދު މެންދުރު ފަހު ޖުހެނަސްބާގުގެ އެފްއެންބީ ސްޓޭޑިއަމްގައި ބާއްވާ މިހަފްލާގައި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ އެންމެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންނާއި އާއްމުން ބައިވެރިވާނެ ކަމަށް ދެކުނު އެފްރިކާ އިން ބުނެ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ ވަނީ މިހަފްލާގައި ބައިވެރިވުމަށް ދެކުނު އެފްރިކާ އަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ، ބްރެޒިލް އަދި އިންޑިއާ ފަދަ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ވެރިން މިހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީބީސީ އިން ބުނީ ބޭރުގެ ގައުމުތަކުން 100 އެއްހާ ލީޑަރުން މިހަފްލާގައި ބައިވެރިވާނެ ކަމަށެވެ. މީގެ ތެރޭގައި މިހާރުގެ ރައީސުން އަދި ކުރީގެ ރައީސުން ހިމެނެ އެވެ. މިގޮތުން އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖިމީ ކާޓާ، ބިލް ކުލިންޓަން އަދި ޖޯޖް ޑަބްލިޔު ބުޝް މިހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އދ.ގެ މިހާރުގެ ސެކެޓްރީ ޖެނެރަލް ބަން ކީ މޫން އަދި ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާން ވެސް މިހަފްލާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ޖުހެނަސްބާގުގެ އެފްއެންބީ ސްޓޭޑިއަމްގައި މިހަފްލާ އޮންނައިރު، އާއްމުންނަށް ވަދެ، ވީޑިއޯ ސްކްރީން މެދުވެރިކޮށް ހަފްލާގެ ކަންކަން ބެލޭނެ ގޮތަށް އިތުރު ތިން ސްޓޭޑިއަމެއް ވަނީ ހަމަޖައްސާފަ އެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނެލްސަން މަންޑޭލާ އަވަހާރަވެފައި ވަނީ އުމުރުން 95 އަހަރުގަ އެވެ.
އެފްރިކާގައި ކުރިން އޮތް ދޮން މީހުން ކަޅު މީހުންގެ މައްޗަށް ބާރުފޯރުވި "އަޕާތީޑް" ވެރިކަން ނިމުމަކަށް ގެނެސް އެފްރިކާއަށް ހަގީގީ މާނާގައި މިނިވަންކަން ހޯދައިދެއްވި ލީޑަރު މަންޑޭލާ ފަސްދާނުލުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވާ އާދިއްތަ ދުވަހު އެވެ.
މިއަދުގެ ހަނދާނީ ހަފްލާގައި ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ވާހަކަ ދައްކަވާނެ އެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ބްރެޒިލްގެ ރައީސް ޑިލްމާ ރޫސެފްގެ އިތުރުން ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މަންޑޭލާ އަށް ކާފަ ކިޔާ ހަތަރު ބޭފުޅަކާއި ރޮބެން އައިލެންޑްގައި ގައިދީއެއްގެ ގޮތުގައި މަންޑޭލާ ހުންނެވިއިރު، އެކުގައި ބަންދުކުރެވިފައި ހުރި އެންޑްރޫ އެމްލަންގާނީ ވެސް މިހަފްލާގައި ވާހަކަ ދައްކަވާނެ އެވެ.
އެފްއެންބީ ސްޓޭޑިއަމްއަށް މިހަފްލާގައި ބައިވެރިވުމަށް 95،000 މީހުން ވަންނާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. މީގެ އިތުރުން އަނެއް ތިން ސްޓޭޑިއަމާ އެކު ޖުމްލަ 400،000 މީހުން މިހަފްލާގައި ބައިވެރިވާނެ އެވެ.
މިހަފްލާގެ މަންޒަރުތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.