އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސް ތަކަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުތަކުގައި އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ބާހަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)، މުހިއްމު ތިން ސްޓޭޓެއްގައި މުތުލަގު އަޣްލަބިއްޔަތު ކާމިޔާބު ކޮށްފި އެވެ.

ބޮޑު އަޣްލަބިއްޔަތެއް ބީޖޭޕީން ހޯދައިފައި ވަނީ ރާޖަސްތާނުގައްޔާއި، ޗައްތީސްގަޅާއި އަދި މަދްޔަ ޕްރަދޭޝްގަ އެވެ.

މި ތިން ސްޓޭޓުގެ އިތުރުން ދިއްލީގެ އިންތިޚާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ބީޖޭޕީ އެވެ. އިންޑިއާގެ ވެރިކަން ކުރާ އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ އަޣުލަބިއްޔަތު ކުރީން އޮތް ދިއްލީގެ މަޖިލިހުން، މި ފަހަރަކު އެއްވެސް ޕާޓީއަކަށް މުތުލަގު އަޣްލަބިއްޔަތެއް ނުލިބުނެވެ. ދިއްލީގެ މަޖިލިހުގެ 70 ގޮނޑީގެ ތެރެއިން ބީޖޭޕީއަށް ކާމިޔާބު ކުރެވުނީ 31 ގޮނޑިއެވެ. ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 9 ގޮނޑިއެވެ.

ހައިރާން ކުރުވަނިވި ނަތީޖާއަކާ އެކު، ދިއްލީގެ މަޖިލިހުން ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އައު ސިޔާސީ ޕާޓީއެއް ކަމަށް ވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އެވެ. އިންޑިއާގައި ފެތުރި މޫލައިފައިވާ ކޮރަޕްޝަނާ ދެކޮޅަށް، ކުރީގެ ސިވިލް ސާވަންޓް އަރްވިންދް ކަޖްރިވާލް އުފެއްދި އޭއޭޕީ ވަނީ ދިއްލީގެ މަޖިލިހުން 28 ގޮނޑި ކާމިޔާބު ކޮށް، މުޅި އިންޑިއާގެ މީޑިއާގެ ފަލަ ސުރުޚީތަކަށް އަރައިފަ އެވެ.

ދިއްލީގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ލިބިފައި ނުވުމާ އެކު، މަސްރަހު އޮތް ގޮތުން އައު އިންތިޚާބަކަށް ދާން ޖެހިދާނޭ ކަމަށް އިންޑިއާގެ ސިޔާސީ މުހައްލިލުން ވިދާޅުވެ އެވެ.

ސްޓޭޓް އިންތިޚާބުތަކުގައި ބީޖޭޕީ ބޮޑު ކާމިޔާބީތަކެއް ހޯދި އިރު، ވެރިކަން ކުރާ ކޮންގްރެސް ޕާޓީ އަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ރާޖަސްތާނުގެ މަޖިލިހުން ބީޖޭޕީ 162 ގޮނޑި ކާމިޔާބު ކުރި އިރު، ކޮންގްރެސްއަށް ލިބުނީ އެންމެ 21 ގޮނޑި އެވެ. މަދްޔަ ޕްރަދޭޝްގައި ބީޖޭޕީން 165 ގޮނޑި ކާމިޔާބު ކުރި އިރު، ކޮންގްރެސްއަށް ކާމިޔާބު ކުރެވުނީ 58 ގޮނޑި އެވެ.

ޗައްތީސްގަހޅްގެ އިންތިޚާބު ދިޔައީ އެހެން ތަންތަނަށް ވުރެ ވާދަވެރިކޮށެވެ. އެ ސްޓޭޓުގައި ބީޖޭޕީއަށް ލިބުނީ 49 ގޮނޑިއެވެ. ކޮންގްރެސް ޕާޓީއަށް 39 ގޮނޑި އެވެ.

ކޮންގްރެސްއަށް ކާމިޔާބު ކުރެވޭނޭ ކަމަށް މިހައިތަނަށް ގަބޫލު ކުރެވޭ ހަމައެކަނި ސްޓޭޓަކީ އިރުއުތުރުގެ މިޒޮރާމެވެ. މިޒޮރާމްގެ މަޖިލިހުގެ 40 ގޮނޑީގެ ތެރެއިން، މިހައިތަނަށް ގުނައި ނިމުނު 9 ގޮނޑި ކޮންގްރެހަށް ކަށަވަރު ވެފައިވާ އިރު، ވޯޓު ގުނަމުންދާ 9 ގޮނޑިއެއްގެ ނަތީޖާގައި ވެސް އަދި ކުރީގައި އުޅެނީ ކޮންގެސް ކެނޑިޑޭޓުންނެވެ.

ސިޔާސީ މުހައްލިލުން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ކޮންގެސް ޕާޓީއަށް ސްޓޭޓް އިންތިޚާބުތަކުގައި މި ކުރިމަތި ވި ނާކާމިޔާބީ އަކީ ކޮރަޕްޝަން ނައްތައިލުމާއި އިގްތިސާދު ކުރިއެރުވުމުގައި އެ ޕާޓީއަށް ނަތީޖާ ނުނެރެވުމުގެ ނަތީޖާ ކަމަށެވެ.

އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ގާނޫނު ހަދާ މަޖިލިހަށް މެންބަރުން ހޮވާ އާއްމު އިންތިޚާބު އަންނަ އަހަރު ބޭއްވޭނެއެވެ.