10 Dec 2013, 11:08
ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ޖުވެނައިލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެގޮތަށް ނިންމި އިރު ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ގާޒީންގެ ގާބިލުކަން އިތުރުކުރުމަށާއި އިތުރު ތަޖުރިބާ ހޯދައި ދިނުމުގެ އިތުރުން އެ ދާއިރާ އަށް ރައްޔިތުންކުރާ އިތުބާރު އިތުރުކޮށް ދެމެހެއްޓުމަށް ޓަކައި ސުޕީރީއަ ކޯޓުތަކުގެ ޤާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރައްވައި އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ މަފްހޫމަށް ބަލާފައިވާނެ ކަމަށެވެ.
އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.
އެގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރެއްވުމަށް ނިންމާފައިވާ އިރު ޖުވެނައިލް ކޯޓުން ހިންގުމާހަވާލުވެ ހުންނެވި ގާޒީ މުހައްމަދު ނައީމާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ ވެސް ޑްރަގް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރެއްވުމަށް ވަނީ ނިންމާފަ އެވެ.
ޑްރަގް ކޯޓުގެ ގާޒީންގެ ތެރެއިން ޒުބައިރު މުހައްމަދާއި މުހައްމަދު އީސާފުޅު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރެއްވުމަށާއި އަދި އެ ކޯޓުގެ ގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދު ސިވިލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ފެމެލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރައްވައި އެ ކޯޓުގެ ގާޒީންގެ ތެރެއިން ހަސަން ޝަފީއު ސިވިލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އެ ކޯޓުގެ ގާޒީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލު ކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޑްރަގް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރެއްވުމަށް ވެސް އިއްޔެ ވަނީ ފާސްކޮށްފަ އެވެ.