10 Dec 2013, 10:08
ދިވެހި ރާއްޖެ ސިފަކުރުމަށް ދިވެހިންގެ ދުލުން އެންމެ ފުރަތަމަ ވެސް ބުނާ އެއް އިބާރާތަކަށް ޒަމާނުއްސުރެ ވެފައި ވަނީ "100 ޕަސެންޓް މުސްލިމް" މި އިބާރާތެވެ. ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ހަދާފައި ވަނީ ވެސް އެއިބާރާތުގައިވާ ގޮތުގެ މަތިންނެވެ. އިސްލާމްދީނުގައި ދިވެހިން އުޅުމަށެވެ. ސިޔާސީ ލީޑަރުން އެބޭފުޅުން ހޯއްދަވަން ބޭނުންވެވަޑައިގަންނަވާ ކާމިޔާބީގެ ވަސީލަތަކަށް ވެސް ވެފައި ވަނީ ހަމަ އިސްލާމްދީނެވެ.
ނަމަވެސް ރާއްޖޭގެ އިޖުތިމާއީ ހާލަތު ދިރާސާ ކުރާ ކޮންމެ ފަހަރަކު ބައެއް މީހުންގެ އަހުލާގީ ފެންވަރު ހުންނަނީ އިސްލާމީ ރިވެތި އުސޫލުތަކަށް މަގުފަހިވާ ގޮތަކަށް ނޫނެވެ. ހާއްސަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ކިބައިއިން ފެންނަނީ ރަނގަޅު ޖީލަކަށް މަގުފަހިވާ ފަދަ މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ ފުރާވަރުގެ އަންހެން ކުދިންގެ މެދުގައި ދަރިމައިވުމުގެ ސިއްހަތާ މެދު ހޭލުން ތެރިކަން އޮތް ވަރާއި އެކުދިންގެ އުޅުން ހުރި ގޮތް ބެލުމަށް ކުރި ދިރާސާއެއް އިއްޔެ ވަނީ އާއްމުކޮށްފަ އެވެ.
ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް ( ޔޫއެންއެފްޕީއޭ) އިން ކުރި އެ ދިރާސާ އިން ހާމަވެފައިވާ ގިނަ ކަންތައްތަކަކީ ސިއްރުން ދެކެވޭ ވާހަކަތަކުގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ ވާހަކަ ތަކެކެވެ. މޮޅަށް ޑިޒައިންކޮށް، މޮޅު ކަރުދާހުގައި ޗާޕްކޮށްފައިވާ ރިޕޯޓެއްގެ ސިފައިގައި އާއްމު ނުކުރިޔަސް އެއީ އާއްމު ވާހަކަތަކެވެ. މިވާހަކަތައް ކިޔާލުމުން މީގެ މިސާލުތައް ގިނަ ކިއުންތެރިންނާ ދާދި ކައިރިން ފެންނާނެ އެވެ.
އެވާހަކަ ތަކުގެ ތެރެއިން އެންމެ ކަންބޮޑުވާ، އެންމެ ބިރުވެރި އެއް ވާހަކައަކީ ކައިވެނިން ބޭރުން ހިންގާ ގުޅުންތަކާއި އެފަދަ ގުޅުން ތަކުން ދަރިމައިވުމުން އަމުލުކުރާ ގޮތުގެ ވާހަކަ އެވެ. އެކަމުގައި ރާއްޖޭގެ ފުރާވަރުގެ ކުދިން ވަރަށް ނުރައްކާތެރި ގޮތްތައް ބޭނުންކުރާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ކުރިން އާއްމުކޮށްފައިވާ ބައެއް ރިޕޯޓްތަކުން ތަފާސް ހިސާބު ނަގައިގެން ޔޫއެން އެފްޕީއޭއިން އެކުލަވައިލި ރިޕޯޓްގައި ވާގޮތުން ކައިވެނިން ބޭރުން ގުޅުން ހިންގުން (ޒިނޭ) ރާއްޖޭގައި އޮތީ ވަރަށް ބޮޑަށް އާއްމުވެފަ އެވެ. އެގޮތުން 2004 ވަނަ އަހަރު ކުރި ދިރާސާއަކަށް މައުލޫމާތު ދިން ކުދިންގެ ތެރެއިން ތިން ބައިކުޅަ ދެބައި ކުދިން 18 އަހަރު ނުވަނީސް ގުޅުން ހިންގާފައިވާ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އެ ދިރާސާގައި ހާހަކަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ކުރި ސާވޭއަކުން އެނގިފައި ވަނީ އެސާވޭ އަށް މައުލޫމާތު ދިން 1200 ކުދިންގެ ތެރެއިން އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓް ކުދިން އެކަން ކޮށްފައި ވަނީ އަމިއްލަ އިހުތިޔާރުގައި، ރުހިގެން ކަމެވެ.
އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމަކީ ހަގު އުމުރުގައި ހިންގާ އެފަދަ ގުޅުންތަކުގެ ސަބަބުން ބަލިވެ އިންނަ ކުދިންނާ މެދު އަމަލުކުރާ ގޮތެވެ. އެގޮތުން ނުރައްކާތެރި ގޮތް ގޮތަށް ދަރިން ވެއްޓުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާއްމު ވެފައިވާ ކަމެއްކަން އިންޓަނޭޝަނަލް ޕްލޭނެޑް ޕޭރެންޓް ހުޑް ފެޑެރޭޝަނުން އައިޕީޕީއެފް އިން 2008 ވަނަ އަހަރު ކުރި ސާވޭއަކުން ވަނީ އެނގިފަ އެވެ.
ދަރިވެއްޓުމުގެ އެގޮތްތައް ތަފުސީލުކޮށް އާއްމުކޮށް އެމައުލޫމާތު އިތުރު ޒުވާނުންނަށް ދިނުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އެދިރާސާއިން އެނގޭ ކަމަކީ 3000 އާ 4000 އާ ދެމެދު އަދަދަކަށް ފައިސާ ނަގައިގެން އެޖަރީމާ ހިންގައިދޭ އެތައް ބަޔަކު ރާއްޖޭގައި ތިބި ކަމެވެ. އަދި އެކަމުގައި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކޮށްފައިވާ ބައެއް މީހުންގެ ބައިވެރިވުން ވަށް ބޮޑު ކަމެވެ.
"... ކަޅު ބާޒާރުގައި 3000 ރުފިޔާ އާއި 4000 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އެބޭސް ލިބެން ހުރެ އެވެ. އަދި އެއީ ދަރި ވެއްޓުމުގެ ކަންތައް ވަރަށް ފަސޭހައިންވާ ބާވަތެއްކަމަށް ބަލަ އެވެ. ދިރާސާ އިން އެނގިފައިވާ ގޮތުގައި ދަރިވެއްޓުމުގެ ކަންތައް ރާއްޖޭގައި އާއްމުކޮށް ވާން އޮންނަކަން ޒުވާން އަންހެނުންނަށާއި އާއްމުކޮށް އެންމެނަށް ވެސް އެނގެ އެވެ،" ޔޫއެން އެފްޕީއޭގެ ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ހަވާލާދީފައިވާ އެވާ ދިރާސާތައް ކޮށްފައިވާ ތާރީހުތަކަށް ބަލައިލުމުން ރާއްޖޭގެ އިޖުތިމާއީ ހާލަތު އޮތް ގޮތުގެ މަންޒަރު ވަރަށް ސާފުކޮށް ފެނެ އެވެ. ފުރަތަމަ ދިރާސާކޮށްފައި އެވަނީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާރު މިވަނީ 10 އަހަރެވެ. ދެން އޮތް ދިރާސާކޮށްފައި އެވަނީ 2007 ވަނަ އަހަރެވެ. އޭގެ ފަހުން މިވަނީ ހަތް އަހަރެވެ. އަނެއް ދިރާސާ ކޮށްފައި އެވަނީ 2008 ގަ އެވެ. އޭގެ ފަހުން މިހާރު ފަސް އަހަރުވީ އެވެ.
އެ ތާރީހު ތަކާއި އެ ތަފާސް ހިސާބުތަކަށް ވިސްނާލުމުން އިނގެނީ ރާއްޖޭގައި މިހެން މިކަން ހިނގާކަން އާއްމުކޮށް މުޅި މުޖުތަމައަށް ވެސް އެނގޭތާ އެތައް އަހަރެއް ވެއްޖެ ކަމެވެ. ނަމަވެސް އެކަން ހައްލުކުރަން އެއްކަމެއް ވެސް ކުރެވިފައި ނުވާ ކަމެވެ. އެންމެން ތިބީ އެކަމަށް ލޯމަރާލައިގެން ކަމެވެ. އެކަމުގައި ސިޔާސީ ލީޑަރުންނާއި ދީނީ އިލްމުވެރިންނާއި އެދުރުންނާއި ބެލެނިވެރިން ވެސް އިހުމާލުވެފައިވާ ކަމެވެ. އެންމެންނަށް އެނގުނަސް، ނުދައްކާ ވާހަކައެއްގެ ގޮތުގައި މިކަން އޮތީ އެހެންވެ އެވެ.