ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީގެ އިތުރުން ފްރެންކް ރިބެރީ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ރޭ އިއުލާނުކޮށްފި އެވެ.

ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ފްރާންސް ފުޓްބޯލް މެގަޒިން އިން ހޮވާލައިފައިވާ ނޫސްވެރިން ވޯޓު ދީގެން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ އެންމެ ގަދަ ތިނެއް ޝޯޓްލިސްޓް ކޮށްފައި މިވަނީ 23 ކުޅުންތެރިންގެ ތެރެއިންނެވެ.

މީގެ ކުރިން ޖެހިޖެހިގެން ވޭތުވެދިޔަ ހަތަރު އަހަރު މި އެވޯޑް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އަދި ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް މިފަހަރު އެވޯޑު ގެންދާނޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ، ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން ހޮވުމަށް ވޯޓް ދެވޭ އެންމެ ފަހުގެ ތާރީޚަކީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަސް ކަމުގައި ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް ވޯލްޑް ކަޕްގެ ޕްލޭއޮފްގައި ސްވިޑްން ކޮޅަށް ހެޓްރިކެއް ހަދައި ޕޯޗްގަލްއަށް އަންނަ އަހަރުގެ ވޯލްޑްކަޕުން ޖާގައެއް ރޮނާލްޑޯ ކަށަވަރު ކޮށްދިންތާ ގިނައިރުތަކެއް ނުވަނީ، ފީފާއިން ވަނީ އެ މުއްދަތު ނޮވެމްބަރު 29ގެ ނިޔަލަށް އިތުރު ކޮށްފަ އެވެ. އަދި ސަބަބެއް ކަމަށް ބުނެފައިވަނީ، މުއްދަތު ހަމަވީ އިރު ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގުލިބިދޭ 50 އިންސައްތައަށް ވުރެ މަދު މީހުން ކަމަށް ބުނެ އެވެ.

މިދިޔަ ސީޒަންގައި ބާސާއަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނުމުގެ މެސީގެ ދައުރު ކިތަންމެ ބޮޑުވި ނަމަވެސް، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން މެސީއަށް މި ސީޒަންގައި ރަނގަޅު ކުޅުމެއް ދެއްވިފައި ނުވާތީ، އޭނާއަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދިދާނެ ކަމާމެދު ގިނަބަޔަކު ޝައްކު ކުރެއެވެ.

ކާމިޔާބީއަށް ބަލާއިރު މިފަހަރުގެ ބެލޮންޑޯ އެވޯޑް އެންމެ ހައްގު ކުޅުންތެރިޔަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގައި، ޖަރުމަން ލީގާއި ޖަރުމަން ކަޕާއި އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި ބަޔާން މިއުނިކްގެ ފްރާންސް ވިންގާ ފްރެންކް ރިބެރީ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ތިނެއްގައި މިފަހަރު ހިމެނެނީ، ޖަރުމަނުގެ ނެދީން އެންގެރާއާއި ބްރެޒިލްގެ މާޓާ އާއި އެމެރިކާގެ އެބީ ވެމްބެކް އެވެ.

ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އިއުލާނުކުރުން އޮންނާނީ، އަންނަ ޖެނުއަރީ މަހުގެ 13 ވަނަދުވަހު ސްވިޒްލޭންޑުގެ ޒިއުރިކްގަ އެވެ.

ބެލޮންޑޯ އެވޯޑަކީ ފްރާންސްގެ ފުޓްބޯލް މެގަޒިން އިން ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް 1956 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އެފަހަރު އެ އެވޯޑް ގެންދިޔައީ އިނގިރޭސި ވިލާތުގެ ސްޓެންލީ މެތިއުސް އެވެ. ފްރާންސް ފުޓްބޯލް އާއި ފީފާއާ ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން 2007 ވަނަ އަހަރު ބެލަންޑޯއާއި ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާ އެކައްޗަކަށް ބަދަލުކުރި އެވެ. އަދި އޭގެ ތިން އަހަރު ފަހުން މި އެވޯޑަކީ ފީފާ ބެލޮންޑޯ އެވޯޑަށް ބަދަލު ކުރި އެވެ.

ރޭ ފީފާއިން ވަނީ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ކޯޗުން ވެސް ހާމަ ކޮށްފަ އެވެ. އެގޮތުން މިފަހަރުގެ އެވޯޑަށް ވާދަކުރަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އާއި ބަޔާން މިޔުނިކުގެ ކުރީގެ ކޯޗު ޔުޕް ހެއިންކެސް އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު ޔާގަން ކްލޮޕްސް އެވެ.