ސަން މީޑިއާގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ކުރީންނެވެ.

ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) މިއަދު ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވައިލީ އެކަމަށް އެދި ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީ ކަމަށެވެ. އެ ގޮތުން ރިޔާސީ އިންތިޚާބަށް ފަހު މި ކަމަށް އެދޭ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ހިރިގާ ފާހަގަ ކުރެއްވި އެވެ.

"ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކަވަރު ކުރުމުގައި ސަންގެ ނިއުސް ޓީމާ ގުޅިގެން އެތައް ސަތޭކަ މޮނިޓަރުންނެއް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރި. އެ ތަޖުރިބާ އަށް ފަހު ވަރަށް ގިނަ ބަޔަކު އެބަ ބޭނުންވޭ ސަން އަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން. މި ފުރުސަތުގެ ދަށުން އެ މީހަކު ބޭނުން ތަނެއްގައި ހުރެގެން ސަން ޓީމުގެ މެންބަރަކަށް ވެވިދާނެ،" ހިރިގާ ވިދާޅުވި އެވެ.

ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާން ބޭނުންވާ ފަރާތްތަކަށް އެ މީހަކު ބޭނުން ދާއިރާއަކުން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެ ގޮތުން ޚާއްސަ ދާއިރާ ތަކުގެ ތެރޭގައި ނޫސްވެރިކަމާއި ޕްރޮގްރާމްތައް ޕްރެސެންޓް ކުރުމާއި ފޮޓޯ ނެގުން ފަދަ ކަންކަން ހިމެނެ އެވެ. މި ގޮތުން ދެވޭ ފުރުސަތުތައް ސަން މީޑީއާ ގުރޫޕުގެ އައުޓްލެޓްތައް ކަމަށްވާ ސަން އޮންލައިން އާއި ސަން އެފްއެމް އަދި ސަން ޓީވީ ޕްލަސް އިން ވެސް ލިބޭނެ ކަމަށް ސިނާން ވިދާޅުވި އެވެ.

"މި ފުރުސަތުގެ ދަށުން ސަން އަށް އައިސް ވެސް މަސައްކަތް ކުރެވިދާނެ އަދި ރަށްރަށުގައި ތިބެގެން ވެސް މަސައްކަތް ކުރެވޭނެ. އެ މީހަކު ވޮލަންޓިއަރ ކުރާ ދާއިރާއަކުން ބޭނުންވާ ބައެއް ކަހަލަ ތަމްރީނުތައް ވެސް ލިބިދެވޭނެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެއީ ސަން މީޑިއާ ޓީމުގެ މެންބަރެއްކަން އަންގައިދޭ ޚާއްސަ ފާހެއް ވެސް ދޫކުރާނެ،" ސިނާން ވިދާޅުވި އެވެ.

ސަންގެ ވޮލަންޓިއަރުންނަށް ވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފުރަން ޖެހޭ ފޯމު ސަން އޮންލައިން މެދުވެރިކޮށް ފުރައި ސަބްމިޓް ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.