09 Dec 2013, 22:39
މާލެގައި ހުރި ސީސީޓީވީގެ އަދަދު އިތުރުކޮށް، އައްޑޫސިޓީގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުން ނިންމައިފި އެވެ.
ފުލުހުންގެ މުއައްސަސާއިން ކަނޑައަޅާފައިވާ 100 ދުވަހުގެ މަގުޗާޓުގައި ބުނެފައި ވަނީ މަގުމަތީގެ ހަރަކާތްތައް މޮނީޓާކޮށް، ކުށްކުރާ ފަރާތްތައް ފަސޭހައިން ހޯދުމަށް އެހީތެރިކަން ހޯދުމުގެ ގޮތުން މާލޭގައި ހުރި ކެމެރާތަކުގެ އަދަދު 150 އަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ލިންކު ރޯޑުގެ ފަސް ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ އެ މުއްދަތުގެ ތެރޭގައި ހަރުކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މަގުޗާޓުގައިވާ ގޮތުން އަންހެނުންނަށް ޚާއްސަ ކޮށްގެން ވަޒީފާގެ 50 ފުރުސަތު ފުލުހުންގެ މުއައްސަސާ އިން ދިނުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ފުލުހުންގެ ދާއިރާގެ ވަޒީފާތަކަށް ޒުވާނުން އަހުލުވެރި ކުރުމަށް ކެރިއާ ފެއާއެއް ބޭއްވުމާއި ދޫނިދޫގައި 10 ގޮޅި ބިނާކުރަން ފެށުމާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ޑިޓެންޝަން ފެސިލިޓީޒް ޤާއިމްކުރުމުގެ އިތުރުން މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިނުވާ ހަތް އިދާރާގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުމަށް ވެސް ވަނީ އެ މަގުޗާޓުގައި ހިމަނާފަ އެވެ.
މީގެ އިތުރުން ވެސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނަގައިދިނުމުގެ ކޯހެއް ހިންގުމާއި ކްރައިމް ޕްރިވެންޝަން ކޮމިޓީތަކުގެ ޤަވާއިދު ފާސްކޮށް އެކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް އެ މުއްދަތުގައި ފެށިގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މުއައްސަސާ އިން އެކުލަވައިލި މަގުޗާޓުގައިވާ އަމާން ރައްކާތެރި މުޖުތަމައެއް ކަށަވަރުކޮށްދިނުމުގެ ލަނޑުދަނޑީގެ ދަށުން ތަހުގީގުތައް ހަރުދަނާ ކުރުމަށް މިހާރު ހުށަހެޅިފައި ހުރި މައްސަލަތަކުގެ 80 ޕަސެންޓް މައްސަލަ ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓްކުރަން ފޮނުވުމަށް ތައްޔާރުކުރާނެ ކަމަށެވެ. އޭގެ އިތުރުން ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްނޫން އެހެން ކުށްތަކުގެ ތަހުގީގު 30 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަނޑައަޅައި އެގޮތަށް ޢަމަލުކުރަމުން ގެންދަން ފެށޭނެ އެވެ.
އަލަށް އެކުލަވާލި މަގުޗާޓުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ފުރުސަތު ނުދިނުމުގެ ގޮތުން ތަހުލީލު ކުރުމަށް ހަވާލުކުރާ މަސްތުވާތަކެތި ގިނަވެގެން ތިން ދުވަސްތެރޭގައި ނިންމާގޮތަށް ކަނޑައަޅައި އެއަށް ޢަމަލުކުރަން ފެށުމާއި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގެ މައްސަލަ ކުޑަކުރުމަށް ޚާއްސަ ތިން އޮޕަރޭޝަނެއް ހިންގުމަށް ކަނޑައަޅާފައިވެ އެވެ.
އެ މަގުޗާޓުގައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ތަރައްގީ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި 2014 ން 2018 އަށް އެކުލަވާލާ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހު ކުރުމާއި ފުލުހުންނާ މެދު ކުރާ ޝަކުވާތައް ބެލޭނެ އައު ނިޒާމެއް ޤާއިމްކޮށް އެކަމުގެ ޤަވާއިދު އެކުލަވައިލުމާއި ބެލިސްޓިކްސް ހެކި ތަހުލީލު ކުރުމުގެ ޚިދުމަތް ފެށުމަށް ރާއްޖެ އިން ބޭރުން މުވައްޒަފުން ތަމްރީނު ކުރަން ފަށާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަދި ސަލާމަތީ ބާރުތަކުގެ ސިއްހަތު ޔަޤީން ކުރުމުގެގޮތުން ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ބޭސްފަރުވާގެ ޚިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ޕޮލިސް ކްލިނިކް ޤާއިމްކޮށް ޕޮލިސް ފާމަސީ ޤާއިމް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގުތައް ހަރުދަނާކޮށް އަވަސްކުރުމާއި، އޮޕަރޭޝަނަލް މަސައްކަތްތައް ހަރުދަނާކޮށް އިތުރު ކުރުމާއި ކުށްމަދު ކުރުމުގެ ޙަރަކާތްތައް ހިންގުމާއި ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ކުރިއެރުވުން، އެ މައިގަނޑު ހަތަރު ސްޓެރެޓެޖީގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މަގުޗާޓު މިހާރު ވަނީ ފުލުހުންގެ ހުރިހާ ކޮމާންޑް، ޑައިރެކްޓްރޭޓް، އަދި ޑިޕާޓްމަންޓުތަކަށް ފޮނުވައި ފުލުހުންނާ ޙިއްސާކޮށް އެއަށް ޢަމަލުކުރަން ފަށާފައި ކަމަށް ފުލުހުން ބުންޏެވެ.