"ސީނުގެ ކަނޑުފޭރޭ މީހުންނާއި ހަނގުރާމަ ކުރާނީ މަގޭ ދުލެވެ! އެ ދޫ އަދި މުސްކުޅިވާން ގާތް ވެސް  ނުވެ އެވެ!" މިއީ އަޑު އަހާ ވާހަކައެކެވެ. މި ވާހަކައެއް އަންނަނީ ޗައިނާގެ ކަނޑުފޭރޭ ބޯޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަދެ ކަނޑުފަޅަށް ފީނައި ފަޅު ރަށްރަށަށް އަރައި ހިތުހުރި ގޮތަކަށް އުޅެ، ބޭނުން އެއްޗެއް ހިފައިގެން ފިލާ ރައްކާވެގެންދިޔަ، ދިވެހި ދައުލަތަށް ބޮޑުވި މައްސަލައަކާ ގުޅިގެނެވެ. ރަށްރަށުގެ މީހުންނަށް މި ބޯޓެއްގެ ބިރުވެރިކަން ބޮޑުވެ މުޅި ރާއްޖޭގައި "ކަނޑުފޭރޭ ބޯޓެއް" އުލޭ ކަމުގެ ހަބަރު އާންމުވެއްޖެ އެވެ. މައިގަނޑު ވާހަކައަކީ ލޯކުޑަ ދޮން ބަޔަކު ތިބޭ ބޯޓެއް އައިސް ކަނޑާއި ފަޅުފަޅަށް ފީނާގައިގެން އުޅެފައި ދިވެހިންގެ ބައެއްގެ ހިލަންވާއިރަށް ފިލައި ރައްކާވަނީ ކަމަށެވެ.


މިދުވަސްކޮޅަކީ ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ދުއްތުރާތައް ރާއްޖެއަށް ކުރިމަތިވެ ހާސްކަމެއްގެ ތެރެއަށް ރާއްޖެ "ގަންބާލާ"ފައިވާ ދުވަސްކޮކަށް ވުމުން 1925 ވަނަ އަހަރާއި 1928 ވަނަ އަހަރާ ދެމެދު ދިވެހިން ބިރުވެރި ކަމެއްގެ ތެރެއަށް ގެންދިޔަ ކަނޑުފޭރޭ ބޯޓުގެ ވާހަކައިން މާޒީގެ ކަނޑުގައި ފަތައިލަމާ ހިނގާށެވެ.


ކަނޑުފޭރުނު ކަމަށް ބުނާ މި ބޯޓާ ބެހޭ ގޮތުން ފުރަތަމަ މައުލޫމާތެއް ލިބުނީ މަޝްހުރު ތާރީހު އިލްމުވެރިޔާ މަރުހޫމް އަބްދުލްހަކީމް ހުސައިން މަނިކު (2004) ގައި އަޅުގަނޑަށް ދެއްވި އިންޓަވިއުތަކެއްގަ އެވެ. (އޭރު އަޅުގަނޑު މަސައްކަތްކުރީ ހަވީރު ނޫހުގަ އެވެ.) އޭނާ ވިދާޅުވަނީ އެއީ ޖަޕާނުގެ ކަނޑުފޭރޭ ބޯޓެއް ކަމަށެވެ. އެ ބޯޓު ރާއްޖެ އައީ 1927 ވަނަ އަހަރުގައި ކަމަށެވެ. މި ތާރީހުގެ މަހެއް ދުވަހެއް ދިވެހި ތާރީހުގެ އެއްވެސް ދިމާއަކު ކަށަވަރު ކުރެވޭ ގޮތެއް މިހާތަނަށް ނުވެ އެވެ.


ކަނޑުފޭރުނު ކަމަށް ބުނާ ކުޑަކުޑަ ބޯޓުގެ މައްޗަށް ރިސާޗް ކުރި އިރު އެންމެ ގާތް އަހަރުތަކެއް ކަމަށް ބެލެވުނީ އިތުބާރުކުރެވޭ ތާރީހު އިލްމުވެރިޔާ މީރުބަހުރު މުހައްމަދު އިސްމާއިލް ދީދީ ގެ "ބައްޕަގެ ހަނދާން" އެ ނަމުގައި ލިޔުއްވާފައިވާ ފޮތުންނެވެ. އެ ފޮތުގައި މުހައްމަދު އިސްމާއިލް ދީދީ ވިދާޅުވެފައި ވަނީ ކަނޑުފޭރޭ ބޯޓެއްގެ ހާދިސާ ރާއްޖެއަށް ކުރިމަތިވީ 1344 ވަނަ އަހަރާއި 1347  ވަނަ އަހަރާއި ދެމެދުގެ އަހަރެއްގައި ކަމަށެވެ. އެ ތާރީހުތަކުގެ މައްޗަށް ބުރަވާން ޖެހެނީ އޭނާ ލިޔުއްވާފައިވާ އެއްވެސް ތާރީހަކަށް މިހާތަނަށް ތަންގީދެއް އެއްވެސް ފަރާތަކުން ލިޔެވެފައި ނުވުމާއި އަބްދުލްހަކީމް ވިދާޅުވާ އަހަރު ވެސް އެ ތާރީހުތަކުގެ މެދަށް ފެތިގެންދާތީ އެވެ. މި ތާރީހުތަށް ދިމާވާ މީލާދީ ތާރީހުގެ އަހަރުތަކުގެ ހާދިސާތަކުން ހިސާބު ޖެހީމާ ބޮޑަށް ގާތްކުރަނީ މި ހާދިސާއެއް ހިނގާފައި ވަނީ އަބްދުލްހަކީމް ހުސައިން މަނިކު ވިދާޅުވާ އަހަރު 1928 ވަނަ އަހަރު ކަމަށެވެ. ރަނގަޅު ރިސާޗެއް ހަދައިލެވިއްޖެ ނަމަ މި ތާރީހުގެ ފަހު ދެއަކުރު ފުރޮޅިގެން ދިއުމަކީ ވުން އެކަށީގެންވާ ކަމެކެވެ.


މުހައްމަދު އިސްމާއީލް ދީދީ ވިދާޅުވާ ގޮތުގައި ކަނޑުފޭރޭ ބޯޓު ފުރަތަމަ ފާޅުވީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނިމިކް ޒޯން ހުރަސްކޮށް ގާދުކޮލުން ވަދެގެން އަންނަނިކޮށެވެ. އަބްދުލްހަކީމް ހުސައިން މަނިކު ވިދާޅުވީ ބޯޓު ފެނުނީ ވިލިމާލޭ ކައިރިން ކަމަށެވެ. ހަމަ އެހެންމެ "މާލޭގެ ދެކުނު ފަރާތު ފަރު ކައިރިން ހުޅަނގަށް ގޮސް ވިލިނގިލީގެ ތަންކޮޅެއް ހުޅަނގުން ފަރު ބޭރަށް މަޑުކޮށްލައިފި" ކަމަށް މުހައްމަދު އިސްމާއީލް ދީދީ ވިދާޅުވާތީ  ދެބޭފުޅުން ވެސް ވިދާޅުވަނީ އެއް ވާހަކައެއްކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ވެއެވެ.


"މާލެ އަންނާން އައިސް ބަނދަރަށް ވަންނާން ނޭނގިގެން އުޅެނީއޭ ހިތައި (މީރުބަހުރު) އިސްމާއީލްދީދީ ޖައްރާފާ ދޯނީގައި ވަޑައިގެން މާތިލައިން ނުކުމެ އެ ބޯޓާއި މިސްރާބު ޖެއްސެވުމާ އެކު އެދިމާ އުރަފަށަށް އެރިތިބި ދެ މީހަކު ބޯޓަށް ނަގައިގެން މާ އަވަހަށް ހުޅަނަގަށް ދުއްވާފައި ގޮސް ފިލައްޖެ އެވެ،" ކަނޑުފޭރޭ ބޯޓު ފުރަތަމަ ފެނުނު މަންޒަރު ސިފަކޮށް ދެއްވަމުން މުހައްމަދު އިސްމާއީލް ދީދީ ވިދާޅުވެފައި ވެއެވެ.


އަބްދުލް ހަކީމް ހުސައިން މަނިކު ވިދާޅުވީ ވިލިމާލޭ ކައިރިން ބޯޓު ފެނުނު ފަހުން  ގިނަ ދުވަސްތަކެއް ނުވެ ރާއްޖެ އެކި ހިސާބުތަކުން ކަނޑުފޭރޭ ބޯޓެއް ފެންނަމުންދާ ކަމުގެ ހަބަރު މާލެ އަންނަމުން ދިޔަ ކަމަށެވެ.


"ރާއްޖޭގެ ކޮންމެ ދިމާއަކު ބަޔަކު މާލެ އައި ނަމަވެސް އަދި ކަނޑުމަތިން ބައްދަލުވި ނަމަވެސް ލޯ ކުދި ބަޔަކު ބޯޓެއްގައި ކަނޑުފޭރެމުން ދާ ކަމުގެ ހަބަރުތައް ދެމުންދިޔަ. އެކަމާ ގުޅިގެން ރަށްރަށުގެ މީހުންނާ މާލޭގެ ހާސްކަން ދިޔައީ ބޮޑުވަމުން،" އަބްލްހަކީމް ހުސައިން މަނިކު ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި ކަނޑުފޭރޭ ބޯޓުން މީހުން ތަކެއް ކަނޑަށާއި ވިލުތަކަށާއި ފަޅުފަޅަށް ފުންމައި ފީނައި ސަކަރާތްގަނެ ފަޅު ރަށްރަށް އަރައި ރުކު އަޅައި ހަދަމުންދިޔައީ އެމީހުންގެ ތަކެތިން އިސްތިން އިސްތިއުމާލު ކުރާ ވަރަށް ވުރެ ވެސް ގަދަކޮށެވެ.


"އަދި އެމީހުންގެ  ބޯޓްގެ އިސްޓީމް ލާންޗުގައި ބައެއް ދޯނި ފަހަރު ފަހާ ދުއްވާ ކަމަށް ވޭ، ބިރުގަންނަވަން ވެގެން،" އޭނާ ވިދާޅުވި އެވެ.


މުހައްމަދު އިސްމާއީލް ދީދީ ވެސް ވިދާޅުވަނީ ކުޑަ އާގުބޯޓެއް ކަނޑުމަތީގައި އުޅޭ ހަބަރު މާލެ އަންނަމުންދިޔަ ކަމަށެވެ. އަދި ސްޓީމް ލޯންޗެއްގައި ފަޅުފަޅަށާއި ވިލުތަކަށް ވަދެ ފީނާގައިގެން އެއްޗެހިތަކެއް ނަގާ ކަމަށެވެ. އެ ނަގާ އެއްޗެއް ކަމަށް ބެލެވިފައި ވަނީ ހުއުފިލަނޑާ ކަމަށް ފަހުން ބެލެވުނެވެ.


"އެބައި މީހުންގެ މަސައްކަތަކީ ފަޅު ފަޅުގެ އުރަފަށުގައި ބޯޓް ހުއްޓާ ބާއްވައި މީހުން އެރި ފީނައިގެން އަޑިން ކޮންމެވެސް އެއްޗެއް ނެގުމެވެ. ފުން ފަޅު ފަޅަށާއި ބައެއް ވިލަށް  ވަދެގެންވެސް މިމަސައްކަތް ކުރާކަމުގެ ހަބަރު އަންނާން ފަށައިފިއެވެ. ދިވެހީންގެ ބަޔަކު އެބައިމީހުންގެ ކައިރި އަށް ދާކަން އެނގިއްޖެ ނަމަ މާ އަވަހެއް އަރުވާލައިގެން ފިލާ ރައްކާވަނީ އެވެ،" މުހައްމަދު އިސްމާއިލް ދީދީ ލިޔުއްވައެވެ.  


ދެބެފުޅުންގެ ވާހަކައިން ވެސް ކުޑަ އާގުބޯޓެއްގެ ވާހަކަ ވިދާޅުވެފައި އަދި އިސްޓީމް ލާންޗެއްގެ ވާހަކަ ވިދާޅުވާތީ ބޮޑަށް  ވިސްނެނީ މަދަ ވެސަލްއަކާއެކު ލައިފް ބޯޓް ވައްތަރުގެ ޑިންގީއެއްގައި އެކި ދިމަ ދިމާއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ކި ސަރަހައްދުތަކުން ބޮޑަށް ފެނިފައި އެހާ އަވަހަކަށް "ރައްކާވެގެން" ދަނީ އެ ޑީންގީ ނުވަތަ ލާންޗް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.


ކަނޑުފޭރޭ ބޯޓު އެންމެ ގިނައިން ފެނުނީ ފެލިދެ އަތޮޅާއި އަރި އަތޮޅުގެ ރަށްރަށް ކައިރިންނެވެ. އެހިސާބުގަނޑުގެ ބައެއް މީހުންނަށް ކަނޑުފޭރޭ ބޯޓުގައި ތިބޭ މީހުންގެ ސިފަ ކިޔައިދޭން އެނގުނެވެ. އެ ބޯޓުގައި ތިބޭ މީހުންގެ ސިފަ އެމީހުން ސަރުކާރުގެ އޮފިޝަލުންނަށް ކިޔައދިން ގޮތުން އެމީހުންނަކީ ފިސާރި އިސްކޮޅުން ކުރު، ދިން އެކަމަހު ސިފަ ހުތުރު ބައެކެވެ.


"ލޯ ކުޑަކަމުން ލޮލެއް ހުންނަހެންވެސް ހީއެއް ނުވޭ!" އަބްދުލްހަކީމް ހުސައިން މަނިކު ވިދާޅުވި އެވެ.


މުހައްމަދު އިސްމާއީލް ދީދީ  ވިދާޅުވެފައި ވަނީ އެއީ އިސްކޮޅުން ކުރު ދޮން، ލޯކުޑަ މޫނު މަތީގައި ފޮއްސި ވައްތަރެއް ހުނަން ބައެއް ކަމަށާއި ސިފަގަނޑުން އެމީހުން ވައްތަރީ ސީނު ނުވަތަ ޖަޕާނު ބަޔަކާ ކަމަށެވެ. އަބްދުލްހަކީމް ހުސައިން މަނިކު ވިދާޅި ގޮތުގައި އެއީ ސީދާ ޖަޕާނު ބައެއްކަން ކަށަވަރުވެ އެވެ.


އިސްކޮޅާއި ސިފަ އާއި ލޮލާއި މޫނާއި ލޮލުގެ ވަށައިގެންވާ ފޮއްސި ކަމަށް ބަލާއިރުގައާއި އަދި މޫދަށް ފީނައިގެން އެއްޗެހިތަކެއް ނަގާ ނެގުމަށް ބަލާއި ވިސްނުމުން، 1900 ކުރީ ކޮޅު ޗައިނީސް ޕައިރަސީ މޫވްމެންޓާއި ޖަޕަނީ ޕައިރަސީ ނެޓްވޯކް ހަރަކާތްތެރިވަމުންދިޔަ ގޮތުން އެންމެ ގާތްކުރަނީ އެއީ ޗައިނާގެ ބައެއް ކަމަށެވެ. އެހެން ވާކަށް ކޮންމެހެން ނުޖެހެ އެވެ.  


ކަނޑުފޭރޭ ބޯޓެއް ކަމަށް ދިވެހިންނާއި ދިވެހި ސަރުކާރުން ނިންމި ބޯޓުން އެއް ވެސް ދިވެއްސަކަށް ހަމަލާދީ ދޯންޏެއް ކަނޑުމަތިން ފޭރިފައި ނުވި ނަމަވެސް ދޯނިފަހަރު ފަހައި ފަޅު ރަށްރަށަށް އަރައި ރުށްތަކުގެ މަތިވަރު އެމީހުންގެ ބޯޓަށް ކަހައިލުމުގެ އިތުރުން ވިލުތަކަށް ފީނައިގެން ކޮނެމެވެސް އެއްޗެހިތަކެއް ނަގާ މައްސަލަ ބޮޑުވެގެން ދިވެހި ސަރުކާރުން ނިންމެވީ ކުރެވުނު ކަމެއް ކޮށްގެން ކަނޑުފޭރޭ ބޯޓު އަތުލައިގަތުމަށެވެ.


ސަރުކާރުން މިކަމަށް ކަނޑައެޅުއްވި ހާއްސަ ބޭފުޅަކީ މަޝްހޫރު މީރުބަހުރު އިސްމާއލްދީދީ އެވެ. އޭރު އޭނާއަކީ 70 އަހަރުވެފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އޭރު ދިވެހި ސަރުކާރުގެ "ކޯސްޓްގާޑް" ކަމުގައި  ހުރިގާ ގޮތަކުން ވެސް ބެލެވެނީ އޭނާ އެވެ. ކަނޑުތައް ބެލެހެއްޓުމާއި އެބާވަތުގެ ކަންކަމުގައި އެއަށްވުރެ ޖެހިލުންކުޑަ ގަދަފަދަ މީހަކު ދިވެހިންގެ ތެރޭގައި އޭރު ނުވާ ކަމަށް ވެއެވެ.


މީރުބަހުރު އިސްމާއިލް ދީދީ، އެ ބޯޓު އަތުލައިގަތުމަށް ރޭވި ގޮތާއި އެ މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތް އޭނާގެ ދަރިކަލުން ވަނީ ވަރަށް ފުރިހަމައަށް ލިޔުއްވާފަ އެވެ. އެލިޔުމުގައި ވަނީ މިހެނެވެ؛


"... ރާއްޖެ ތެރޭ އުޅޭ ކަނޑުފޭރޭ މީހުން ހޯދާން އިސްމާއިލް ދީދީ މާލޭން ފުރާވަޑައިގަތީ ފާއްދިއްޕޮޅު އަތޮޅުވެރިކަމުގައި ހުންނެވި ނައިފަރު އާދަމް ކަލޭފާނުގެ ބައްތެއްޔެއް ގައެވެ. މާލޭން ފުރާވަޑައިގެން ފުރަތަމައަށް ވޑައިގަތީ ނައިފަރަށެވެ. ދެން އެރަށުން އިސްމާއިލް ދީދީ ހިތްޕުޅާ ވާޒާތުގެ ބާރު ހުރި ޒުވާނުންގެ 20 މީހުން ނަންގަވައި އެބައި މީހުން އަތައް މުއްވަޅުލައި މަށާފައިވާ ކުރެދި ދެއްވި އެވެ. މިދަތުރު ތައްޔާރު ކުރައްވާން ނައިފަރުގައި ހުންނެވި އިރު އެއް ދުވަހަކު އެރަށު ހަރު މީހަކު އައިސް އިސްމާއިލް ދީދީ އަރިހުގައި ދެނެވިއޭ 'ތިޔަހާ މުސްކުޅިފުޅުވެފައި ހުންނަވަނިކޮށް އެފަދަ ބަޔަކާ ދެކޮޅަށް ވަޑައިގެން ކީއްތޯއޭ ކުރައްވާނީ،' މިބަހުގެ ޒުވާބަށް އިސްމާއީލް ދީދީ ވިދާޅުވި އެވެ. 'އެ ސީނުގެ ކަނޑުފޭރޭ މީހުންނާއި ހަނގުރާމަ ކުރާނީ މަގޭ ދުލޭ! އެދޫ އަދި މުސްކުޅިވާން ގާތް ވެސް ނުވެއޭ!،"


ކޮންމެއަކަސް ކަނޑުފޭރޭ މީހުންނާއި ބޯޓު ހޯދާން މީރުބަހުރު އިސްމާއީލް ދީދީ  ދޯންޏެއްގައި ކަނޑުމައްޗަށް ނުކުމެ ވަޑައިގެން މާލޭގެ އުތުރުގެ ހަތަރު އަތޮޅަލާއި އަރިއަތޮޅުގެ ކަނޑުތައް ބަލައި ހެއްދައވައިގެން އެ ބުނާ ކަނޑުފޭރޭ ބޯޓެއް ފެނިވަޑައިނުގެން އެނބުރި ވަޑައިގެންނެވި ފަހުން  ކަނޑުފެރޭ ބޯޓު އެއްވެސް ބަޔަކަށް ފެނިގެން ސަރުކާރަށް ރިޕޯޓުކޮށްފަ އެއް ނުވެއެވެ. އެކަން އެހިސާބަށް ނިމުނީ އެވެ.