09 Dec 2013, 18:38
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހެޅި 16.4 ބިލިއަން ރުފިޔާގެ ބަޖެޓަށް އާ ސަރުކާރުން ގެންނަ އިސްލާހުތަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުން ބަޖެޓަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް މިއަދު ފޮނުވީ، އެ އިސްލާހުތަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަޖެޓް ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ވިދާޅުވި މުއްދަތު ފަހަނަ އަޅައިދިޔަތާ 15 ދުވަސް ފަހުންނެވެ. ބަޖެޓް އިސްލާހުތައް މަޖިލީހަށް ލިބެންދެން މެދުކަނޑާލި ބަޖެޓް ކޮމެޓީގެ އެންމެ ފަހު ބައްދަލުވުން ބޭއްވި ދުވަހު، މިދިޔަ މަހުގެ 20 ވަނަ ދުވަހު ޖިހާދު ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމާށެވެ.
ޖިހާދު "ސަން"އަށް މިއަދު ވިދާޅުވީ ބަޖެޓަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި އެ އިސްލާހުތަކާއެކު 16.4 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު އަންނާނެ ކަމަށެވެ. ސަރުކާރުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދެއް ޖިހާދު ވިދާޅެއް ނުވި އެވެ.
"ބަޖެޓް އިސްލާހުތައް ލިބުމާއެކު، އެ ކޮމެޓީގެ މެމްބަރުން ވިދާޅުވާންޖެހޭނީ ބަޖެޓްގެ ޖުމްލަ މިހާރުގެ އަދަދު. އަޅުގަނޑު އެ އަދަދު ދެންނެވުމަކުން ރަނގަޅެއް ނުވާނެ،" ޖިހާދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މަޖިލީހަށް ހުށެހެޅި 16.4 ބިލިއަން ރުފިޔާގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ ނިންމަވާފަ އެވެ.
ޖިހާދު ވިދާޅުވީ އެ އިސްލާހުތައް މަޖިލީހަށް ފޮނުވުނީ މިއަދު "ތަންކޮޅެއް ލަހުން" ކަމަށާއި ނަމަވެސް މަޖިލީހުން އެ އިސްލާހުތައް ބަލައިގެންފައިވާ ކަމަށެވެ.
ބަޖެޓަށް އާ ސަރުކާރުން ގެންނަ އިސްލާހުތަށް މަޖިލީހަށް މިއަދު ފޮނުވިއިރު، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މި މަހުގެ 15 ކުރިން ބަޖެޓް ކޮމެޓީގެ މަސައްކަތް ނިންމައި، ތަޅުމަށް ރިޕޯޓު ފޮނުވުމަށް ދެ ފަހަރެއްގެ މަތިން ބަޖެޓް ކޮމެޓީއަށް އަންގާފަ އެވެ.