09 Dec 2013, 17:29
މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގައި އާދީއްތަ ދުވަހު ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ބީޖީ ސްޕޯޓްސް ކްލަބް އަދި ދެވަނަ މެޗުން ހަރިކޭން ބާސްކެޓްބޯލް ކްލަބު މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދާ މުބާރާތުގެ ފުރަތަމަ ބުރުގެ ފަސް ވަނަ މެޗުގައި ވީ ޔުނައިޓެޑް އަތުން ބީޖީ މޮޅުވީ 81-43 ޕޮއިންޓުންނެވެ. އެ މެޗުގައި ބީޖީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 15 ޕޮއިންޓް ހޯދި ޞޮއްފަތު ބަދީއު އެވެ. އަދި ވީޔުނައިޓެޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ފަވާޒު އަހްމަދާއި އިސްމާއީލް އަހްމަދު ދީދީ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ، އެޓީމަށް 10 ޕޮއިންޓް ހޯދައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީގެ އަހްމަދު ނޫރު އެވެ.
މުބާރާތުގެ ހަވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ޔޫތު ސްޕޯޓްސް އަތުން ހަރިކޭން މޮޅުވީ 18 ޕޮއިންޓުގެ ތަފާތުންނެވެ. ދެޓީމުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ހަރިކޭންއިން 79 ޕޮއިންޓް ހޯދިއިރު ޔޫތަށް ލިބުނީ 61 ޕޮއިންޓެވެ.
މި މެޗުގައި ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 24 ޕޮއިންޓް ހޯދި އަހްމަދު އަދުހަމް އެވެ. އަދުހަމް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. މި މެޗުގައި ޔޫތަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓް ހޯދި އަހްމަދު އަހްޝަމް އެވެ.
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި ބީޖީ ކުޅެން ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ، ރެޑް ލައިން ކްލަބާއި އެލްކިއު ސްޕޯޓްސް އެވެ.