09 Dec 2013, 16:29
މެދުނުކެނޑި ތައިލެންޑުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ތައިލެންޑުގެ ގާނޫނު ހަދާ މަޖިލިސް އުވާލާ، އަލުން އިންތިހާބުތައް ބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު ޔިންގްލުކް ޝިނަވަޓްރާ އިއުލާންކުރައްވައިފި އެވެ.
ތައިލެންޑުގެ ސަރުކާރުން މަޖިލިސް އުވާލާފައި މިވަނީ، މެދުނުކެނޑި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.
ތައިލެންޑުގެ ބޮޑުވަޒީރުކަމާ ޔިންގްލުކް ޝިނަވަޓްރާ ހަވާލުވެވަޑައިގެންފައި ވަނީ 2011 ވަނަ އަހަރުގަ އެވެ.
މިހާރު ތައިލެންޑުގައި ކުރެވެމުންދާ މުޒާހަރާތަކަކީ ޔިންގްލުކްގެ ސަރުކާރު ކޮންޓްރޯލް ކުރައްވަނީ މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑުވަޒީރު އަދި ޔިންގްލުކްގެ ބޭބެ ތަކްސިން ޝިނަވަޓްރާ ކަމަށް ބުނެ ކުރަމުންދާ މުޒާހަރާތަކެކެވެ. މުޒާހަރާގެ ބައިވެރިން ދަނީ ޔިންގްލުކް ޝިނަވަޓްރާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދި ގޮވަމުން ނެވެ.
ގާނޫނު ހަދާ މަޖިލިސް އުވާލިކަން ބޮޑުވަޒީރު ޔިންގްލުކް އިއުލާންކުރައްވާފައި ވަނީ މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގެކޮޅާ ދިމާލަށް ދިއުމަށް ހިނގާލުމެއް ފަށާފައިވަނިކޮށެވެ.
ޓީވީ މެދުވެރިކުރައްވާ ތައިލެންޑްގެ ރައްޔިތުންނާ މުހާތަބްކުރައްވަމުން ޔިންގްލުކް ވިދާޅުވީ ގިނަ ބަޔަކު ސަރުކާރާ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ގޮތަކީ އެގައުމުގެ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްލުން ކަމަށާއި އެގޮތުގެ މަތިން އިންތިހާބެއް މެދުވެރިކޮށް ކުރިއަށްދާނެ ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.
ތައިލެންޑުގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބީބީސީ އިން ބުނީ އެންމެ އަވަހަށް ވެސް އިންތިހާބެއް ބޭއްވޭނީ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.
ބީބީސީއިން ބުނީ ޔިންގްލުކް ޝިނަވަޓްރާގެ ޕެއު ތައި ޕާޓީއަކީ ތައިލެންޑުގެ ރަށްފުށުގެ އަދި ފަގީރު ހިސާބުތަކުގެ ރައްޔިތުންގެ ބޮޑު ތާއީދެއް ލިބިފައިވާ ޕާޓީއެއް ކަމުން، އެޕާޓީއަށް އަނެއްކާ ވެސް މަޖިލީހުގެ އަގުލަބިއްޔަތު ލިބުން ކައިރި ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުތަކުގައި ފެއު ތައި ޕާޓީ އިން ވަނީ 265 ގޮޑިއާ އެކު މަޖިލީހުގެ އަގުލަބިއްޔަތު ހޯދާފަ އެވެ. އިދިކޮޅު ޑެމޮކްރެޓިކް ޕާޓީއަށް ލިބިފައި ވަނީ 159 ގޮޑި އެވެ.