އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، އެކޮމިޝަންގެ މަސައްކަތްތައް ފަސޭހައިން ކުރެވޭނެ ގޮތަކަށް ފާސްކުރެވިފައި ނުވަނީ "ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މަސްލަހަތުތަކެއް ހުރީމާ" ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

މިއަދު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ހަދާފައިވާ ގްލޯބަލް ކޮރަޕްޝަން ބެރޯމީޓާ ސާވޭ ލޯންޗުކުރުމަށް ފަހު ވާހަކަ ދައްކަވަމުން ހަސަން ލުތުފީ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކު އޭސީސީގެ ބިލް މަޖިލީހުގައި އޮންނަތާ ދެ އަހަރު ދުވަސް ވެގެން ގޮސްފައިވާ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބިލެއް އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭ ގޮތަށް އިސްލާހުކޮށްފައި މަޖިލީހަށް ފޮނުވާފައިވާތާ މިއީ ދެވަނަ އަހަރު. އެ ބިލް ފޮނުވުމުގެ ކުރިން ވެސް މަޖިލީހުގެ ވަރަށް ގިނަ މެމްބަރުންނާ ވާހަކަދެކެވި، އެ ބިލް ވީހާ ވެސް އަވަހަކަށް ގާނޫނަކަށް ހައްދަވައިދެއްވުމަށް އެދުނިން. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ބިލް ގާނޫނަކަށް ވެގެން ނުދޭ،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ މިހާރު އޮތް އޭސީސީގެ ގާނޫނުގެ ސަބަބުން އޭސީސީގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލެއް މިހާރު ހިނގަމުންދާކަން އެނގުނަސް އޭސީސީ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ކަމެއް ކުރެވެނީ ކޮރަޕްޝަންގެ އަމަލު ހިނގައި ނިމުމުން ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ވަރަށް ދިގު މަގަކުން ދަތުރުކޮށްގެން ގޮސް އަޅުގަނޑުމެންނަށް މިއަދާ ހިސާބަށް މަސައްކަތްތަކެއް ކުރެވުނީ. އެ ބިލު އަދިވެސް ގާނޫނަކަށް ވެގެން އައި ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މަސްލަހަތުތަކެއް ހިމެނޭ ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. މިކަންކަން މިހެން ދިގުލައިގެން ދިއުމުގެ ފަހަތުގައި ވެސް ކޮންމެވެސް ކަންތައްތަކެއް ވާނެ،" ލުތުފީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ ބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.