09 Dec 2013, 14:14
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވައި މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ޓަކައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ މާލެ އާއި އަތޮޅުތަކުގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ވެރިންނާއި ކަސްޓަމްސް ސާވިސްގެ ވެރިންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ކަމަށެވެ.
އެ ބައްދަލުވުމުގައި ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު އަރީފް އާއި ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު މުޙައްމަދު އާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގައި މަސައްކަތްކުރައްވާ އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ޝުހާދުއާއި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިސްމާޢިލް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި ދެ މުއައްސަސާގެ ގުޅިގެން މަސައްކަތްކުރުމާއި ދެ މުއައްސަސާގެ މެދުގައި އޮތް ގުޅުން މިހާރަށް ވުރެ ބަދަހިކޮށް ދެ ފަރާތުގައި ހުރި ދަތިތައް ހައްލުކުރުމާއި ދެ ފަރާތުން މަޢުލޫމާތުތައް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ޓަކައި ދެ ފަރާތް ގުޅިގެން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އޮޕަރޭޝަންތައް ހިންގިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ހަމައެއާ އެކު ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތައް މަދުކުރުމަށް ޓަކައި މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް އެބައްދަލުވުމުގައި ކަސްޓަމްސްއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.