09 Dec 2013, 13:54
އަބަދު މޯބައިލް ފޯނު ބޭނުން ކުރާ މީހެއް ކަމުގައި ވާނަމަ އެމީހަކީ އެހާ އުފާވެރި މީހެއް ނޫން ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ކެންޓް އުނިވަރސިޓީ އިން ކުރި ދިރާސާ އަކުން ހާމަވެއްޖެ އެވެ.
ގިނަ ފަހަރު މީހުނަށް ހީވެފައި އޮންނަނީ އަބަދު ފޯނުގައި ނުވަތަ މެސެޖް ކުރުމުގައި ހުންނަ މީހަކީ އެންމެ ގިނަ ރައްޓެހިން ތިބި މީހާ ކަމުގައެވެ. އަދި އޭނާ އަކީ ވަރަށް އުފާވެރި މީހެއް ކަމަށެވެ. ނަމަވެސް ކެންޓް ޔުނިވަރސިޓީގެ ދިރާސާގައި ބުނާ ގޮތުން ކޯލެއް އަންނަ އިރު އެ ކޯލް ނުނަގާ ނުވަތަ މެސެޖެއް އަންނަ އިރު އެ މެސެޖަށް މެސެޖް ލިބޭ ގަޑީގައި ޖަވާބު ނުދީ އެއަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ މީހާ އަކީ އަސްލު މާ އުފާވެރި މީހެއްކަމުގައި ބެލެވިދާނެ ކަމަށެވެ.
ކެންޓް ޔުނިވަރސިޓީގެ މި ދިރާސާ އަކީ 500 ކިޔަވާ ކުދިން އެމީހުން ކޮންމެ ދުވަހަކު ފޯނު ބޭނުން ކުރާ އަދަދާ ބޭނުން ކުރާ ގޮތާއި އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ހާލަތަށް ބިނާކޮށް ހަދާފައިވާ ދިރާސާ އެކެވެ.
ސައިންޓިސްޓުން ކަމަށްވާ ޖޭކޮބް ބާރކްލޭ، އެރީން ކާޕިންސްކީ އަދި އެންޑްރޫ ލެޕް ހެދި މިދިރާސާގެ ނަތީޖާ ދައްކާފައި މިވަނީ މީގެ ކުރިން މި ކަމާ ގުޅޭ ގޮތުން ހަދައިފައިވާ ދިރާސާތަކާ މުޅިން އިދިކޮޅަށެވެ. އެހެނީ ކުރީގައި ހަދައިފައިވާ ދިރާސާ ތަކުން ފޯން ބޭނުން ކުރާ މީހުން އެ ބޭނުން ކުރަނީ އެމީހުންގެ އެކަނިވެރި ކަމަށް އެހީތެރިއެއްގެ ގޮތުގައި ކަމަށް ހާމަވާތީ އެވެ. ނަމަވެސް ފަހުން ކެންޓް ގެ ސައިންޓިސްޓުންގެ މި ދިރާސާގައި ވަނީ އޭގެ އަނެއްކޮޅު ހޯދާފައެވެ.
މީގެ އިތުރުން ފޯން ގިނަގިނައިން ބޭނުން ކުރާ މީހާ ފޯނު މަދުން ބޭނުން ކުރާ މީހާއަށް ވުރެ ބޮޑަށް ސްޓްރެސް ވާކަން ވެސް މި ދިރާސާއިން ދައްކައެވެ.
ދިރާސާގައި ބައިވެރިވި އެއްކުއްޖަކު ބުނާ ގޮތުން ސޯޝަލް ނެޓްވޯރކް ތަކުގެ ސަބަބުން އޭނަ ހުންނަނީ ފޯނާ ބަނދެވިފައެވެ. އޭނާއަށް ފޯނުން ކުރާ ބޭނުން ތަކަކީ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ކަމުގައި ވެސް މިހާރު އިހްސާސް ވާން ފަށާފައިވެއެވެ. އެހެން ކުއްޖަކު ބުނާ ގޮތުގައި އޭނާ އަތުގައި ފޯނެއް އޮތުމަކީ ބޭނުން ގަޑިއަކު އޭނައަށް ގުޅަން ބޭނުން މީހަކު ގުޅުމުގެ ފުރުސަތު ލިބޭ ކަމެކެވެ.
އެންޑްރޫ ލެޕް ބުނި ގޮތުގައި އެކުދިންގެ ދިރިއުޅުމުގައި އެއްވެސް ގޮތަކަށް އެކަނިވާ ވަގުތެއް ނެތް ކަމަށާއި އެއީ އެކުދިންނަށް ނަފްސާނީ ގޮތުން އޭގެ ގެއްލުން ލިބޭ ކަމެއް ކަމަށެވެ. އެހެނީ ނަފްސާނީ ގޮތުން ސިއްހަތު ރަނގަޅުކޮށް ބަހައްޓަން އެކަނި ވަގުތު ހޭދަކޮށްލުމަކީ މުހިއްމު ކަމެކެވެ. އޭރުން އަމިއްލަ އަށް ދިރިއުޅުމުގެ ކަންތައްތަކާ ވިސްނާލައި އެދުވަހުގެ ސްޓްރެސް ތަކުން އަރާމު ހޯދައިލަން ވަގުތު ލިބޭނެތީ އެވެ.
އުމުރުން 18 އަހަރާއި 22 އަހަރާ ދެމެދުގެ ކުދިން ބައިވެރިކޮށްގެން ހެދި މިދިރާސާގައި ބައެއް ކުދިން ވަނީ ދުވާލު އެއްކޮށް ހުއްޓާނުލައި ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން މެސެޖް ކުރުމަކީ "ސްޓްރެސްފުލް" ކަމެއްގެ ގޮތުގައި ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން 80.2 މިލިއަން ސަބްސްކްރިޕްޝަން ވަނީ މޯބައިލް ފޯނު ތަކުން ހޯދައިފައެވެ. މިހާރުގެ އެންމެ މަގުބޫލު ސްމާޓް ފޯނު ތަކަށް ބަލާ ކަމުގައި ވާނަމަ، ހާއްސަކޮށް އައިފޯނަށް ބަލާކަމުގައި ވާނަމަ، ދުނިޔޭގެ އާބާދީގެ 94 ޕަސެންޓް މީހުންނަކީ މޯބައިލް ފޯން ގެންގުޅޭ މީހުންނެވެ.