09 Dec 2013, 13:44
ރާއްޖޭގައި އެންމެ ކޮރަޕްޓް މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތައް އަދި ޝަރުއީ ދާއިރާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ހެދި ގްލޯބަލް ކޮރަޕްޝަން ބެރޮމޯޓާ (ޖީސީބީ) ސާވޭ އިން ދައްކައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ޓީއެމްއިން އާއްމުކޮށްފައިވާ ދިރާސާއަކީ ރާއްޖޭގެ އެއްހާސް މީހުންނާ ފޯނުން ގުޅައިގެން ހަދާފައިވާ ސާވޭގައި އާއްމުންގެ ހިޔާލު ހުރި ގޮތް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
މިސާވޭގެ ބައިވެރިންގެ ތެރެއިން 62 ޕަސަންޓް މީހުން ބުނެފައި ވަނީ ރާއްޖޭގައި ކޮރަޕްޝަނަކީ ވަރަށް ބޮޑު އަދި ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ ނިސްބަތް މައްޗަށް ގޮސްފައިވާ ކަމަށް ސާވޭގެ ބައިވެރިންގެ ތެރެއިން 32 ޕަސަންޓް މީހުން ބުނެފައިވެ އެވެ.
ވަކި ވަކި މުއައްސަސާތަކަށް ބަލާ އިރު، އެންމެ ކޮރަޕްޓްކަމަށް ގިނަ މީހުން ދެކެނީ ރައްޔިތުންގެ މަޖިލީހެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 60 ޕަސަންޓް މީހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ތަނެއް ކަމަށެވެ.
ފަންސާސް ހަތް ޕަސަންޓް މީހުން އެއްބަސްވާ ގޮތުގައި ސިޔާސީ ޕާޓީތައް ވަނީ ވަރަށް ބޮޑަށް ކޮރަޕްޓްވެފަ އެވެ. އަދި 55 ޕަސަންޓް މީހުން ބުނެފައި ވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ނުވަތަ ޖުޑީޝަރީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ކަމަށެވެ.
މިއަދަދުތަކަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން 2012 ވަނަ އަހަރު ހިންގި ޖީސީބީ ސާވޭއިން ވެސް ފެނި، ތަކުރާރުވެފައިވާ އަދަދުތަކެއް ކަން ފާހަގަކޮށްލެވެ އެވެ.
މިފަހަރަ ޖީސީބީގައި ފާހަގަކޮށްލެވޭ ކަމަކީ އެންމެ ކޮރަޕްޓް މުއައްސަސާތަކުގެ ލިސްޓުން އަސްކަރިއްޔާ އަދި ދީނީ ޖަމާއަތްތައް ޖާގަ ހޯދާފައިވާ ކަމެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ޖީސީބީގައި ކޮރަޕްޓް މުއައްސަސާތަކުގެ ތެރޭގައި އަސްކަރިއްޔާ އަދި ދީނީ ޖަމާއަތްތައް ހިމެނިފައެއް ނުވެ އެވެ.
އަސްކަރިއްޔާ އުޅެނީ މިލިސްޓުގެ ހަތަރު ވަނާގައި ފުލުހުންނާ އެއް ދަރަޖައެއްގަ އެވެ. ތިރީސް ހަތަރު ޕަސަންޓް މީހުން ގަބޫލުކުރާ ގޮތުގައި އަސްކަރިއްޔާ އަދި ފުލުހުންގެ މުއައްސަސާ ވަނީ ވަރަށް ބޮޑަށް ކޮރަޕްޓްވެފަ އެވެ.
ދީނީ ޖަމިއްޔާ ޖަމާއަތްތައް އުޅެނީ ލިސްޓުގެ އަށް ވަނާގަ އެވެ. ދީނީ ޖަމިއްޔާ ޖަމާއަތްތައް ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ކަމަށް 21 ޕަސަންޓް މީހުން ގަބޫލުކުރެ އެވެ.
މިއަދު މިސާވޭ ލޯންޗުކުރުމަށް ވާހަކަ ދައްކަވަމުން ޓީއެމްގެ އެޑްވޮކެސީ މެނޭޖާ އައިމަން ރަޝީދު ވިދާޅުވީ މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖޭގެ ޖީސީބީ ސާވޭއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެންމެ ކޮރަޕްޓް މުއައްސަސާތަކަކީ ޑެމޮކްރަޓިކް މުޖުތަމައަކަށް އެންމެ ބޭނުންވާ މުއައްސަސާތައް ކަމުގައި ވެފައިވާ ކަން ކަމަށެވެ.
އައިމަން ވިދާޅުވީ މިސަރަހައްދުގެ އެހެން ގައުމުތަކުގައި އެންމެ ކޮރަޕްޓް ކަމަށް މީހުން ގަބޫލުކުރަނީ ޔުޓިލިޓީ ކުންފުނިތައް ފަދަ ހިދުމަތް ދެވޭ އިދާރާތައް ކަމަށެވެ.
މިއަދު ރާއްޖޭގެ ގުލޯބަލް ކޮރަޕްޝަން ބެރޮމީޓާ ސާވޭ ލޯންޗުކޮށްދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެވެ.