09 Dec 2013, 13:28
އައިލެންޑް އޭވިއޭޝަނަށް ރިސޯޓް ހިންގުމަށް ދީފައިވާ ތ. ރުއްތިބި ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
އެ ރަށް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ ލ. ކައްދޫ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނުން ހަވާލު ކުރުމަށް ފަހު މިދިޔަ މަހު 8 ވަނަ ދުވަހު އެވެ.
އެ ރަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އަދި ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.
އެކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ރިސޯޓް ތަރައްގީކުރުމުގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވުން ހިމެނޭ ކަމަށް ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ އެ ރަށުގައި ތަރައްގީކުރަނީ ކިތައް އެނދެއްގެ ރިސޯޓެއްކަން އެނގޭނީ ވަކި ބަޔަކާ ހަވާލުކުރުމުން ކަމަށެވެ. އަދި މިހާތަނަށް އެޕުލޭންތައް ހަދާފައި ނުވާ ކަމަށެވެ.
ކައްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. ހަމައެއާ އެކު ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވަނީ ވިލާއެއާ އާ ހަވާލުކޮށްފަ އެވެ. އެގޮތަށް ނިންމީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.