ހުޅުމާލޭ ޓެކްސީ ޑްރައިވަރުންނަށް ހުޅެލެއަށް ދަތުރުކުރުމުގެ ހުއްދަލިބޭނެ މަގެއް އަދިވެސް ތަނަވަސްވެފައި ނުވާކަމަށް އެޗުޑީސީން ބުނެފި އެވެ.


ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ ހުޅުމާލޭ ޓެކްސީ ޑްރައިވަރުން އެއާޕޯޓަށް ޓެކްސީ ކުރުމަށް އެދެމުން އަންނާތީ އެކަމުގެ ވާހަތައް އެއާޕޯޓްސް ކޮންޕެނީގެ ބޭފުޅުންނާއި އެ އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެފައިވާ އެމްއެންޑީއެފް އާ އެޗްޑީސީން ބައްދަލުކުރުމުން އާންމު ޓެކްސީތަކަށް އެއާޕޯޓަށް ވަނުމަށް އެމްއެންޑީއެފުން ވެސް އެއްބަސްނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގިނައަދެއްގެ ވެހިކަލްތަކެއް އެއާޕޯޓަށް ދަތުރުކުރުމަށް އެމްއެންޑީއެފުން ބޭނުންނުވާ ކަމަށެވެ.


"އެބޭފުޅުންގެ [ޓެކްސީ ޑްރައިވަރުންގެ] ރިކުއެއްސްޓެއް [އެދުމެއް] ޓެކްސީތަކަށް އެއާޕޯޓަށް ދެވޭނެގޮތް ހަދައިދިނުމަކީ. އެހެންނަމަވެސް އެކަމަކަށް ކަމާ ބެހޭ ފަރާތްތަކަކުން އެއްބަހެއް ނުވޭ. އެއާޕޯޓްސް ކޮންޕެނީ އާއި އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްއާ ވެސް އެއްކޮށް އަޅުގަނޑުމެން ބައްދަލުވުމެއް ބޭއްވީ. އެމްއެންއެންޑީއެފުން ވެސް ބޭނުންވާ ކަމެއް ނޫން އިތުރު ވެހިކަލްތަކެއް ހުޅެލެއަށް ވަނުމަކީ." ސުހެއިލް ވިދާޅުވި އެވެ.


ހުޅުމާލެއިން އެއާޕޯޓަށް ޓެކްސީކުރުމަށް ހުއްދަ ދީފައި ވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީއަށް އެކަންޏެވެ. އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން މިދިޔަ ނޮވެންބަރު މަހު ހުޅުމާލޭގެ ޓެކްސީ ޑްރައިވަނުން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.


ހުޅުމާލޭ ޓެކްސީ ޑްރައިވަނުން ބުނަނީ ހުޅުމާލޭގައި ޓެކްސީ ކުރާނެ އިތުރު ފުރުސަތުތަކެއް އާންމު ރައްޔިތުންނަށް ހުޅުވައި ނުލައި ސަރުކާރުގެ ކުންފުންޏަކަށް ޓެކްސީ ބޯޑު ދޫކުރުމަކީ ވަރަށް ވެސް "ހުދުމުހުތާރު" ގޮތެއް ކަމަށެވެ. އަދި ސަރުކާރުން އާންމު ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ އާ ވެސް ހިލާފުކަމެއް ކަމަށް ޑެކްސީ ޑްރައިވަރުން އަންނަނީ ބުނަމުން ނެވެ.


"ބޮޑަށް ވާހަކަދެކެވެމުން މިދަނީ އެމްޓީސީސީން ކުރަމުން އަންނަ ދަތުރުތައް ހުއްޓާލުމަށް ފަހު ނޫނީ އެ ޓެކްސީތަކާއެކު އަޅުގަނޑުމެންގެ ޓެކްސީތަކަށް ހުޅުލޭ މަގަށް ވަދެވޭތޯ." ހުޅުމާލޭ ޓެކްސީ ޑްރައިވަރެއް މިއަދު ބުންޏެވެ.


ކުރިއަށް އޮތް ހަފްތާގައި ހުޅުމާލޭގައި ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ޓެކްސީ ބޯޑު ދޫކުރުމަށް ފުރުސަތު ހުޅުވައިލާނެ ކަމަށް އެޗުޑީސީން ބުންޏެވެ. ހުޅުމާލޭގައި މިހާތަނަށް ޓެކްސީ ކުރުމަށް ފުރުސަތުދީފައި ވަނީ އެންމެ 14 ފަރާތަށެވެ.