09 Dec 2013, 12:12
ޖަރުމަނުގެ ބޮޑު ރީޓޭލް ޗެއިނެއް ކަމަށްވާ އަލްޑީއިން އެ ކުންފުނީގެ އިނގިރޭސިވިލާތުގައި ހުންނަ ފިހާރަތަކަށް ލައިފްޓެބް ކިޔާ އާ ޓެބްލެޓެއް، ވަރަށް އަގުހެޔޮކޮށް ތައާރަފްކޮށްފި އެވެ.
އެންމެ 79 ޕައުންޑަށް (ގާތްގަނޑަކަށް 2000 ރުފިޔާ އަށް) އިއްޔެ ބާޒާރަށް ނެރުނު ލައިފްޓެބް ވިއްކަންފެށީ އަލްޑީއިގެ އަމިއްލަ ފިހާރަތަކުގައެވެ. މި ޓެބްލެޓު ވިއްކަން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް ވިކި ހުސްވެއްޖެ ކަމަށް ސައުތު ލަންޑަންގެ އޯލްޑް ކެންޓް ރޯޑުގައި ހުންނަ އަލްޑީ ފިހާރައިން ބުނެ އެވެ.
އަލްޑީގެ ލައިފްޓެބް ހަދާފައި ވަނީ މީޑިއަން ކިޔާ ކުންފުންޏެއްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އަގުހެޔޮވިޔަސް، ލައިފްޓެބްގެ ބިލްޓް-އިން ސްޓޯރޭޖަކީ އެންމެ 8 ޖީބީއެވެ. އަދި އެއް ފަހަރު ޗާޖުކޮށްލައިގެން ގެންގުޅެވެނީ 4 ގަޑި އިރުގެ ވަގުތު ކޮޅަކަށެވެ. ނަމަވެސް ލައިފްޓެބާ އެކު 3 އަހަރުގެ ވޮރަންޓީއެއް ލިބެ އެވެ.
އިނގިރޭސިވިލާތުގެ ޓެބްލެޓް ބާޒާރުގައި ލައިފްޓެބާ އެންމެ ވާދަކުރާ ޓެބްލެޓަކީ ޓެސްކޯއިގެ ހަޑްލް އެވެ. ޓެސްކޯ އަކީ ވެސް އަލްޑީކަހަލަ ރީޓޭލް ޗެއިން ކުންފުންޏެކެވެ. މި ކުންފުނިން ހަޑްލް ނެރުންތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ނެރުންތާ 48 ގަޑިއިރު ތެރޭ ޓެސްކޯއިގެ ބަޔެއް ފިހާރަތަކުން 35،000 ހަޑްލް ޓެބްލެޓް ވިއްކާލިއެވެ. އަދި އެ ޓެބްލެޓް ނެރުން ފަހުން ދެފަހަރުމަތިން ވިކި ހުސްވެފައިވެ އެވެ. މިހާރުވެސް ޓެސްކޯގެ ފިހާރަތަކުގައި ހަޑްލްގެ ސްޓޮކް ހުރީ ވަރަށް މަދުންނެވެ. އެހެންކަމުން އަލްޑީއިން ލައިފްޓެބް ނެރުނީ ޓެސްކޯގެ ސަޕްލައި މަދުވެފައިވާ ދުވަސްކޮޅު ބަލާފައި އޭގެ ފައިދާ ނަގަން ކަމަށް ވެސް ވެދާނެ އެވެ.
ހަޑްލް ހަދަނީ ފަރަންސޭސި ކުންފުނި އާޗޮސް އިންނެވެ. ލައިފްޓެބާގެ 8 ޖީބީއާ ހިލާފަށް ހަޑްލްގައި 16 ޖީބީގެ ބިލްޓް-އިން މެމޮރީ ހުރެއެވެ. އަދި ހަޑްލްގައި 370 ގްރާމް ހުންނައިރު ލައިފްޓެބް އުޅެނީ 721 ގްރާމާއެކު ދެގުނަ ބަރުކޮށެވެ. ދެ ޓެބްލެޓަށް ވެސް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އަޅައިފައިވާ އިރު ހަޑްލް ލިބެނީ ފަހުގެ 4.3 ޖެލީބީންއާ އެކުގަ އެވެ. ނަމަވެސް ލައިފްޓެބް ގަންނައިރު އަޅާފައި އޮންނާނީ އެންޑްރޮއިޑް 3.2 ކެވެ. ޓެސްކޯގެ ހަޑްލްގައި 7 އިންޗި ސްކްރީނެއް ހުންނައިރު އަލްޑީގެ ލައިފްޓެބުގައި ހުންނަނީ 10 އިންޗީގެ ސްކްރީނެކެވެ. ނަމަވެސް ހަޑްލްގެ ރެޒޮލޫޝަން ލައިފްޓެބަށް ވުރެ ރަނގަޅެވެ.
ގިނަ ގޮތްގޮތުން ބަލާއިރު ލައިފްޓެބަށް ވުރެ ހަޑްލް ރަނގަޅެވެ. ނަމަވެސް ޓެސްކޯއިން ހަޑްލް ވިއްކަނީ ގާތަގަނޑަކަސް 120 ޕައުންޑު (3019 ފުރިޔާ) ށެވެ. މިއީ ލައިފްޓެބަށްވުރެ 41 ޕައުންޑު އަގު ބޮޑު އަދަދެކެވެ.
މީގެ ތިން އަހަރު ކުރިން އެޕަލްއިން އައިޕްޑް ނެރުމާ އެކު ޓެބްލެޓުގެ ވިޔަފާރިއަކީ ޓެކްނޮލޮޖީ ބާޒާރުގައި ވަރަށް ހިނގާ ވިޔަފާރިއެކެވެ. އެޕަލްއިން ދާދިފަހުން ނެރުނު 7.9 އިންޗީގެ އައިޕެޑް މިނީ - ސެކަންޑް ޖަނަރޭޝަން އުޅެނީ 319 ޕައުންޑަށެވެ. ލައިފްޓެބާ ހަޑްލްއިން ނެންމެ ބޮޑަށް ވާދަކުރާނީ އައިޕެޑް މިނީގެ ބާޒާރު- ހިއްސާއެއް ހޯދުމަށެވެ.
ފަހަކަށް އައިސް ޓެބްލެޓުގެ މަޝްހޫރުކަން އިތުރުވެގެން ގޮސްފައިވީ ނަމަވެސް އިނގިރޭސިވިލާތުގައި ޓެބްލެޓެއް އޮންނަނީ 3 ގެއިން އެއް ގޭގައެވެ. މީގެން އަންގައިދެނީ އެ ގައުމުގައި ޓެބްލެޓުގެ ވިޔަފާރިއަށް އަދި ވަރަށް ޖާގަ އެބަ އޮތްކަމެވެ. އަދި ފޮތް ބޭނުންކޮށްގެން ކުޑަކުދިންނަށް ވާހަކަ ކިޔައިދޭ މިންވަރު ވަނީ ދަށަށް ގޮސްފައިކަމަށް ދާދި ފަހުން އެގައުމުގައި ހެދި ސާވޭއެއް ދައްކައެވެ. އިނގިރޭސިވިލަތުގައި ސުވާލުކުރެވުނު 2000 މީހުންގެ ތެރެއިން 70 އިންސައްތަ ބުނީ ދަރިފުޅަށް ފޮތް ކިޔައިދޭން ފޮތުގެ ބަދަލުގައި ބޭނުންކުރަނީ ކޮމްޕިއުޓަރެއް ނުވަތަ ޓެބްލެޓެއް ކަމަށެވެ.