09 Dec 2013, 12:10
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު އެ އޮތޯރިޓީ އިން ކުރިން އަންދާޒާކުރި މިންވަރަށް ވުރެ 3.0 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 495.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 22.8 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާމްމުދަނީގެ ގޮތުގައި ލިބިފައި ވަނީ 403 މިލިއަން ރުފިޔާ އެވެ.
މީރާ އަށް މިދިޔަ ނޮވެމްބަރު މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 22.1 މިލިއަން ޑޮލަރަށް އަރަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 296 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތާއި އަޅާބަލާ އިރު 59.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ބީޕީޓީގެ ގޮތުގައި 29 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޓޫރިޒަމް ޓެކުސް 80 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެއާޕޯޓް ސާވިސްޗާޖްގެ ގޮތުގައި 37 މިލިއަން ރުފިޔާ ދައުލަތައް ލިބިފައިވެ އެވެ. އެ ހުރިހާ ދާއިރާއަކުން ވެސް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް އިތުރުވެފަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް 8.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ ހަ ބިލިއަން ރުފިޔާ އެވެ.