އުސޫލުތަކާ ޚިލާފަށް ޕޮއިންޓްދީފައި ވާތީ ވެށިފަހި މާލެ ޕްރޮގްރާމްގެ "ސީ" ކެޓަގަރީގެ ދަށުން ފްލެޓުތަކަށް އެދި 139 މީހަކު ހުށަހެޅި ފޯމް ބާތިލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން އެގޮތަށް އަންގާފައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ "ސީ" ކެޓަގަރީގެ ދަށުން މާލެއާއި ހުޅުމާލެ އިން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ފަހު އެވެ.

އޭސީސީން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ފްލެޓަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާ އިރު ސީ ކެޓަގަރީއަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން 440 އަށް ވުރެ މަތިން ޕޮއިންޓް ލިބިގެން، ވަގުތީ ލިސްޓުގައި ހިމެނިފައިވާ މީހުންގެ ތެރެއިން 139 މީހެއްގެ ފޯމް ބާތިލުވާނެކަން އެންގެން އޮންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ އަތްމަތީ ލުއިފޮތުގައި ބުނެފައިވާ ކަންކަމާއި އަދި ވެށިފަހިމާލެ ޕްރޮގްރާމް އޮފީހުން ކޮށްފައިވާ އިއުލާންތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ޕޮއިންޓް ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މުއްދަތަށް ޕޮއިންޓް ދިނުމުގައި 86 މީހަކަށް ގޯސްކޮށް ޕޮއިންޓްދީފައިވާ އިރު މާލޭގައި ގިނަ ދުވަހު ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ދިނުމުގައި 223 މީހަކަށް ގޯކޮށް ޕޮއިންޓްދީފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކައިވެންޏަށްވީ މުއްދަތަށް ޕޮއިންޓް ދިނުމުގައި 43 މީހަކަށް ގޯސްކޮށް ޕޮއިންޓްދީފައިވާ އިރު ފޯމް ހުށަހަޅާ ފަރާތް އާމްދަނީ ހޯދުމަށް މަސައްކަތްކުރާތާވީ މުއްދަތަށް ބަލައި ޕޮއިންޓް ދިނުމުގައި 47 މީހަކަށް ގޯސްކޮށް ޕޮއިންޓްދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.


އެ ބަޔާނުގައި ބުނެފައި ވަނީ ފޯމް ހުށަހަޅާފައިވާ މީހުންގެ 18 އަހަރުން ދަށުގެ ކުދީންނަށް ޕޮއިންޓް ދިނުމުގައި ތިން މީހަކަށް ގޯސްކޮށް ޕޮއިންޓްދީފައިވާ ކަމަށް ފަހާގަކުރެވިފައިވާ ކަމަށެވެ.

ފްލެޓުތަކަށް ޝަރުތު ހަމަވާ ފާރާތްތަށް ކަނޑައަޅާފައި ވަނީ ބަންޑާރަ ނާއިބް ދީފައިވާ ލަފަޔާ ޚިލާފަށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ބެލެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.