އިންޑިއާގައި ދިވެހިންތަކެއް ތިބި ކުރޮޅިއެއް ކޯރަކަށް ފުރޮޅާލައި ދެމައިންނަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މައިސޫރުގެ ހޮސްޕިޓަލަކަށް ދިވެހި އާއިލާއެއް ޑޮކްޓަރަށް ދައްކާފައި ދިޔަ މަގުމަތީގައި ކަމަށެވެ.

އޭރު އެ ކުރޮޅީގައި ތިބީ މަންމައަކާއި ދެ ދަރިން ކަމަށެވެ.

އެ ހާދިސާގައި މަންމަގެ އަތް ކަފައިގެން ގޮސް އެންމެ ކުޑަ ކުއްޖާގެ ފައި ބިނދިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު ކުއްޖާ އަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އަނިޔާވި ދެމައިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.

ނަމަވެސް އަނިޔާވީ ކޮން އުމުރެއްގެ ކުއްޖަކަށް ކަމެއް ސާފެއް ނުވެ އެވެ.

އިންޑިއާގެ އާގްރާގައި ހުންނަ ތާޖުމަހަލް ބަލަން ދިއުމަށް ފަހު ޓްރެވިންޑްރަމަށް ދަތުރުކުރަމުންދިޔަ ކާރުގެ ޑްރައިވަރަށް ނިދިގެން މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ވަނީ ދިވެހި އާއިލާއެއް ޒަހަމްވެފަ އެވެ.