އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ 2-0 އިން ބަލިކޮށް ފުލަމް ޖެހިޖެހިގެން ހަތް މެޗުން ބަލިނުވެ، ސަލާމަތް ވެއްޖެ އެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ފުލަމްގެ ސްޓީވް ސިޑްވެލް އެޓީމަށް ކުރި ހޯދައިދިން އިރު އެޓީމަށް ނަތީޖާ ފުޅާ ކޮށްދިނީ 30 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޑިމިޓާ ބާބަޓޯފް އެވެ.

ހުސްވި ހަފްތާގައި ފުލަމްގެ ކޯޗު މާޓިން ޖޮލް ވަޒީފާއިން ވަކި ކުރުމަށްފަހު އެމަގާމަށް ހަމަޖެއްސި ރެނޭ މިއުލެންސްޓީން ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން ބަލިވެ ދެވަނަ މެޗުން މޮޅުވެފައިވާއިރު މިއީ މިސީޒަންގައި ފުލަމްއަށް އަމިއްލަ ދަނޑުގައި މޮޅުވެވުނު ދެވަނަ މެޗެވެ. އަދި މިއީ އެސްޓަން ވިލާ ބަލިނުވެ ދަމަހައްޓަމުން ގެންދިޔަ ސިލްސިލާ ފަސް މެޗަށް ފަހު ނިމުމަކަށް އައި މެޗުވެސްމެ އެވެ.
http://www.sun.mv/albums/l_21659.jpg
ވިލާ އަތުން މޮޅުވި ނަމަވެސް ފުލަމް އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގަ އެވެ. އަދި އެސްޓަން ވިލާ އޮތީ 19 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑްގެ ފަހަތުން ތާވަލުގެ 10 ވަނައިގަ އެވެ.

އެސްޓަން ވިލާ ކޯޗު ޕޯލް ލެމްބާޓް ބުނީ، އޭނާގެ ޓީމުން ފެނިގެން ގޮސްފައިވަނީ، މޮޅުވުން ހައްގު ކުޅުމެއް ނޫންކަމަށާއި އެހެން ނަމަވެސް ފުލަމްއަށް ދިން ޕެނަލްޓީއާ އެކު މެޗުގައި ރެފްރީ ކަންތައް ކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން މެޗުން މޮޅުވެވޭފަދަ ކުޅުމެއް އަހަރެމެންނަށް ދެއްކުނު ކަމަކަށް. އަދި މެޗުގެ ރެފްރީ މައިކް ޑީންސްގެ ޕާފޮމެންސް ވެސް ވަރަށް ދަށް،" ލެމްބާޓް ބުންޏެވެ.