09 Dec 2013, 10:04
ކިޔޭވް (ޑިސެމްބަރު 9): ޔުކްރޭނުން ރަޝިޔާއާ ގުޅުން ބަދަހި ކުރުމާދެކޮޅަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން ވެރިރަށް ކިޔޭވްގައި އިއްޔެ އެތަށް ލައްކަ ބަޔަކު މުޒާހަރާކޮށްފި އެވެ.
ކިޔޭވްގެ އިސްތިޤްލާލް މައިދާނުގައި އިއްޔެ މުޒާހަރާކުރި އިދިކޮޅު އެތަށްލައްކަ ބަޔަކާ މުޚާތަބު ކުރައްވައި އިދިކޮޅު ލީޑަރުން ވިދާޅުވީ ޔުކްރޭންގެ ރައީސް ވިކްޓަރ ޔަނަކޮވިޗް މަގާމުން އިސްތިއުފާ ދެއްވަންދެން އޭނާގެ ސަރުކާރާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުމުގައި ދެމިތިބުމަށެވެ. އަދި ރަޝިޔާގެ ބަދަލުގައި ޔޫރަޕްގެ އިއްތިހަދާ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްނުކުރާނަމަ އިހްތިޖާޖްތައް ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު ވެސް އިދިކޮޅު ފަރާތްތަކުން ދިނެވެ.
ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ އިސްތިއުފާ އަށް ގޮވައި މުޒަހަރާތަކާއި އިހްތިޖާޖްތައް ކުރަމުންގެންދާތާ މިހާރު ވަނީ ދެ ހަފްތާއެއްހާ ދުވަސްވެފަ އެވެ. އަވަށްޓެރި ރަޝިޔާއާ އިދިކޮޅު އަދި ވިލާތުގެ އިއްތިޙާދަށް ތާއީދުކުރާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން މިގެންދަނީ ޔުކްރޭނުން ޔޫރަޕްގެ އިއްތިޙާދާ އެކު ސޮއިކުރުމަށް ހަމަޖެހިފައިވާ އިޤްތިސާދީ އެއްބަސްވުމެއްގައި ސޮއިކުރުމަށްޔަނަކޮވިޗްގެ ސަރުކާރުން އެންމެ ފަހުވަގުތު ދެކޮޅު ހެދުމާ ގުޅިގެންނެވެ.
ކިޔޭވްގެ އިސްތިޤްލާލް މައިދާނުގައި ސަރުކާރާ ދެކޮޅަށް އިއްޔެ މުޒާހަރާކުރި އިދިކޮޅު އެތަށްލައްކަ ބަޔަކާ މުޚާތަބު ކުރައްވައި އިދިކޮޅު ލީޑަރުން ވަނީ ޔޫރަޕްގެ އިއްތިޙާދަކީ އަލި ފަރާތްކަމާއި އަވަށްޓެރި ރަޝިޔާއަކީ އަނދިރިފަރާތް ކަމަށް ސިފަކުރައްވާފަ އެވެ.
ޔުކްރޭންގެ އިދިކޮޅު ލީޑަރުންނަކީ އެގައުމުގައި ނާކާމިޔާބުވެގެން ގޮސްފައިވާ ކުރީގެ އޮރެންޖް ރިވޮލިއުޝަންގެ ލީޑަރުންނެވެ. މީގެ ހައެއްކަ އަހަރުކުރިން ޔުކްރޭނަށް ގެނައި އޮރެންޖް ރިވޮލިއުޝަންގެ ސަރުކާރު ވެއްޓި އެރިވޮލިއުޝަންގެ ލީޑަރުން ނާކާމިޔާބުވެވަޑައިގެންފައި ވަނީ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކުގެ ސަބަބުންނެވެ. އޮރެންޖް ރިވޮލިއުޝަންގެ އިސްލީޑަރަކަށް ހުންނެވި މިހާރުގެ އިދިކޮޅު އެންމެ އިސްލީޑަރު ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޔޫލިޔާ ތިމޮޝިންކޯ ވަނީ ޚިޔާނާތާއި ފަސާދަ އާއި ކޮރަޕްޝަނުގެ މައްސާލަގައި ކުށްސާބިތުވެގެން ހަތް އަހަރުދުވަހަށް ޖަލަށްލާފަ އެވެ.
އޮރެންޖް ރިވޮލިއުޝަންގެ ލީޑަރުން ނާކާމިޔާބުވުމުން ޔުކްރޭންގައި މިހާރު ވެރިކަންކުރަނީ އޮރެންޖް ރިވޮލިއުޝަންގެ ކުރީގައި ވެސް އެގައުމުގައި ވެރިކަން ކުރެއްވި ލީޑަރުންނެވެ. ރަޝިޔާއަށް ތާއީދުކުރައްވާ ކުރީގެ ލީޑަރުން އެނބުރި ޔުކްރޭންގެ ވެރިކަމަށް އައުމަކީ އޮރެންޖް ރިވޮލިއުޝަންގެ ލީޑަރުންގެ ނާކާމިޔާބީ ދުނިޔެއަށް ހާމަވެ ރައްޔިތުންގެ ތެރޭގައި އެމީހުން އިތުރަށް ފަޟީހަތް ވެގެންދިޔަ ކަމެކެވެ.
ޖަލުގައި ހުންނަވައިގެން ފޮނުއްވި ސިޓީއެއްގައި އޮރެންޖް ރިވޮލިއުޝަންގެ އެންމެ ވަރުގަދަ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ތިމޮޝިންކޯ ވަނީ ވިލާތުގެ އިއްތިޙާދަކީ ޔުކްރޭންގެ ރައްޔިތުންގެ ރަހްމަތްތެރިޔާ ކަމާއި އަވަށްޓެރި ރަޝިޔާއަކީ ޔުކްރޭންގެ ދުޝްމަން ކަމަށް ސިފަކުރައްވައި ޔުކްރޭންގެ މުސްތަގްބަލްވަނީ ޔޫރަޕްގެ އިއްތިޙާދުގެ ފަޅީގައި ކަމަށް ވިދާޅުވެފަ އެވެ. އަދި ޔުކްރޭންގެ ރައީސް ރައީސް ވިކްޓަރ ޔަނަކޮވިޗް އާއި އޭނާގެ ސަރުކާރަކީ ރަޝިޔާއަށް ތާއީދުކުރާ ގޭންގެއް ކަމަށް ވެސް ތިމޮޝިންކޯ ސިފަކުރެއްވި އެވެ. ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ރައީސް ޔަނަކޮވިޗްގެ ސަރުކާރުގެ މައްޗަށް ޕާލަމެންޓްގެ އިތުބާރު ނެތް ކަމުގެ ވޯޓްނެގުމަށް ކުރި މަސައްކަތް މިދިޔަ ހަފްތާގައިވަނީ ނާކާމިޔާބުވެފަ އެވެ.
ރައީސްޔަނޮކޮވިޗް އަކީ ރަޝިޔާގެނުފޫޒުގެ ދަށުގައިވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް އޭނާގެ ސަރުކާރުވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތާ ދެހަފްތާ ވެފައިވީ ނަމަވެސް މިއީ ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއްނޫން ކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)