މިސްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އަލް އަޒުހަރު ޔުނިވަސިޓީގެ ދަރިވަރުން ބޭއްވި އެއްވުމެއްގައި، އެ ޔުނިވަސިޓީގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކަށް ހާނީއްކަ ވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ޔުނިވަސިޓީގެ ދޮރާއްޓެއްގެ ކުރިމަތީގައި އެއްވެ ތިބި ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެ ޔުނިވަސިޓީ އަށް ވަންނަން ދިޔަ ދިވެހި ދަރިވަރު ބިން މައްޗަށް ވެއްޓުމުގެ ސަބަބުން ހާނީއްކަވީ ކަމަށެވެ. ނަމަވެސް އޭނާ އަށް ސީރިއަސް ގެއްލުމެއް ލިބިފައިނުވާ ކަން މިނިސްޓްރީ އަށް އެނގިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ދިވެހި ދަރިވަރަށް އަނިޔާވިކަމުގެ ހަބަރު ލިބުމުން ފޮރިން މިނިސްޓްރީން ވަނީ އޭނާއާ ބެހޭ މައުލޫމާތު ހޯދައި އޭނާގެ ހާލު ބަލައިފަ އެވެ.

މިސްރު ސިފައިން ކުރި ބަޣާވާތެއްގައި އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ވެރިކަމުން ދުރުކުރި ފަހުން އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މުޒާހަރާތައް ކުރަމުންނެވެ. އެމުޒާހަރާތަކުގައި އަލް އަޒުހަރު ޔުނިވަސިޓީގެ ދަރިވަރުން ދަނީ ވަރަށް ބޮޑަށް ބައިވެރި ވަމުންނެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެޔުނިވަސިޓީގެ ދަރިވަރުން ކުރި މުޒާހަރާއެއް މިސްރު ފުލުހުން ރޫޅާލުމުގެ ތެރޭގައި ދަރިވަރަކު ވަނީ މަރުވެފަ އެވެ. ޔުނިވަސިޓީގެ ދަރިވަރުން މިހާރު ކުރަމުން އަންނަ މުޒާހަރާތަކަކީ އެ ހާދިސާއާ ގުޅިގެން ކުރަމުން އަންނަ މުޒާހަރާތަކެކެވެ.