ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި، ޖެރާޑް ޑިއުލެފިއު ޖަހައިދިން ލަނޑުން އެވަޓަން 1-1 އިން އާސެނަލްއާ އެއްވަރުކޮށް އިނގިރޭސި ލީގު ތާވަލުގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކުރުމަށް އާސެނަލް އަށް ލިބުނު ފުރުސަތު ބޭނުންކުރިޔަ ނުދީ ހިފަހައްޓައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދެވަނަ ހާފްގެ 80 ވަނަ މިނިޓްގައި އާސެނަލްއަށް މެޗުގެ ކުރި ހޯދައިދިނީ ކްލަބު ރެކޯޑު އަގަކަށް ރެއާލް މެޑްރިޑުން އެޓީމަށް ގެނައި ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. މިއީ އެޓީމަށް އޮޒިލް ކުޅުނު 12 ލީގު މެޗުގައި އޭނާ ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. އަދި އޭނާ ވަނީ ހަ އެސިސްޓް ކޮށްފަ އެވެ.
http://www.sun.mv/albums/l_21656.jpg
އޮޒިލްގެ ލަނޑުން ކުރި ހޯދުނު ނަމަވެސް އާސެނަލް އަށް ލީޑު ހިފަހައްޓައިލެވުނީ އެންމެ ހަތަރު މިނިޓު ވަން ދެނެވެ. 84 ވަނަ މިނިޓްގައި އެވަޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ލޯނެއްގެ ދަށުން އެޓީމަށް ކުޅޭ ސްޕެއިންގެ ބާސެލޯނާގެ ޒުވާން ވިންގާ ޑިއުލެފިއު އެވެ.
http://www.sun.mv/albums/l_21658.jpg
މި ނަތީޖާއާ އެކު އާސެނަލް ފަސް ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ލިވަޕޫލާއި ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 30 ޕޮއިންޓެވެ. އަދި 29 ޕޮއިންޓާއެކު މެނެޗެސްޓާ ސިޓީ ހަތަރުވަނައިގައި އޮތްއިރު ރޭ އާސެނަލްއާ އެއްވަރުކުރި އެވަޓަން ވަނީ 28 ޕޮއިންޓާއެކު ފަސް ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.

މިދިޔަ ހަފްތާގައި އޯލްޑްޓަރަފޮޑްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި އެވަޓަން އަކީ މިފަހަރުގެ ލީގުގައި މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އޮކްޓޯބަރު މަހު މެންޗެސްޓާ ސިޓީއަތުން ބަލިވި މެޗެވެ.
http://www.sun.mv/albums/l_21657.jpg
އެވަޓަންގެ ކޯޗް ރޮބާޓޯ މާޓިނޭޒް އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވާއިރު އާސެނަލްގެ ކޯޗް އާސީން ވެންގާ ބުނީ، އިދިކޮޅު ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އާސެނަލްއަށް މެޗުގެ ތެރެއަށް ރަނގަޅަށް ވަދެގަނެވުނީވެސް 25 ވަކަށް މިނިޓްގެ ކުޅުން ދިޔަފަހުން ކަމަށެވެ.

ވެންގާ އިތުރަށް ބުނީ، އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ފަހުން ދެއްކި ނަމަވެސް ލަނޑުޖަހަން ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ހިތްހަމަ ނުޖެހުނު ކަމަށެވެ.