ކާނިވާ ސަރަހައްދުގައި ސައިކަލް ފޮހެންތިބި ބިދޭސީއިންގެ ތެރެއިން އެކަކު "އަތުއަޅުވާލީ"މެވެ. ކެފޭ އަކަށް ވައްދައި އޭނާ އަށް ސައި ދިނުމަށް ފަހު އޭނާގެ މައުލޫމަތްތައް ހޯދާލީމެވެ. އެއީ އުމުރުން 23 އަހަރުގެ ބަނގުލަދޭސް ފިރިހެނެކެވެ. ރާއްޖޭގައި މަސައްކަތްކުރާތާ ހަތަރު އަހަރުވެއްޖެ އެވެ. އޭނާ ބުނާ ގޮތުން އޭނާ ރާއްޖެ ގެނައީ ބޮޑު މުސާރަ ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެނެވެ. އޭނާ ރާއްޖެ އައުމަށް 4،000 ޑޮލަރު އެޖެންސީ އަށް ދެއްކީ ދަރާ ވިކިގެން ކަމަށް ބުންޏެވެ. އެއީ އެ ގައުމުގެ ފައިސާ އިން ބަލައިފި ނަމަ 311080 ޓަކާ އެވެ. މާލެ ގެނައުމަށް ފަހު އެޖެންޓް އޭނާ މަގުމަތި ކުރީ ކަމަށާއި އޭގެ ފަހުން ވޭތުވެ ދިޔަ ހަތަރު އަހަރު އޭނާ ފައިސާ ހޯދަނީ ވަގުތީ މަސައްކަތްތައް ކޮށްގެން ކަމަށް ބުންޏެވެ. އޭނާގެ އަތުގައި ޕާސްޕޯޓް ގަނޑެއް ވެސް ވިސާއެއް، ވޯކްޕާމިޓެއް ވެސް ނެތެ އެވެ. ހަމައެކަނި ފައިސާ ހޯދަން ހުރި މީހެކެވެ.

ފައިސާ ހޯދުމަށް ހަ އެއްކަ ދިވެހިން އާންމުކޮށް ކުރާހާ މަސައްކަތް އެ ބިދޭސީ މިހާ ކޮންމެ ދުވަހަކު ވެސް ކުރެ އެވެ. ކުރުކޮށް ބުނާ ނަމަ ފައިސާ ދީފައި ނުކުރެވޭނެ މަސައްކަތެއް ނެތެވެ. އޭނާ ބުނާ ގޮތުންނަމަ ކޮންމެ ދުވަހެއްގެ ފަތިހު 5:00 ޖަހާއިރު މަސައްކަތް ފަށާ ގޮތަށް އޭނާ އާންމުކޮށް މަސައްކަތް ނިންމާލަނީ ރޭގަނޑު 9:30 ކަންހާއިރު އެވެ. ކޮންސްޓްރަކްޝަން މަސައްކަތާއި ވެހިކަލް ސާފު ކުރުމާއި ގޭގެއަށް ގޮސް ކުނި އުކާލުމުން ގޮސް އެތައް މަސައްކަތެއް އޭނާ ކުރެ އެވެ. ދުވާލަކު 300ރ. ނުވަތަ 350ރ. އޭނާއަށް ލިބެ އެވެ. އެގޮތުން އެންމެ މަދުން ވެސް މަހަކު ގާތްގަނޑަކަށް 11000ރ. އޭނާއަށް ލިބޭ ކަމަށް ބުންޏެވެ. އެއިން ހަރަދު ކެނޑުމަށް ފަހު ބަންގާޅަށް މަހަކު 8000ރ. ފޮނުވަ އެވެ. މިއީ އެ ގަމުގެ ފައިސާއިން ނަމަ 40،400 ޓަކާ އެވެ.

އެއީ މަގުމަތީ "އަޅު މަސައްކަތް" ކުރާ މީހެއްގެ ވާހަކަ އެވެ. ބޮޑެތި މަސައްކަތްތަކުގައި އުޅޭ ބިދޭސީ އިން ބޭރުކުރާނެ ފައިސާ އަންދާޒާ ކޮށްލައްވާށެވެ. މަސްވެރިކަން، ޓޫރިޒަމް، ކޮންސްޓުރަކްޝަން، ދަނޑުވެރިކަން، މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ވިޔަފާރިއެއްގައި ވެސް އެންމެ ދަށުން ފެށިގެން މަތީ މަގާމުތަކާއި ހަމައަށް އެތައް ހާސް ބިދޭސީއިންނެއް ހަރަކާތްތެރިވެ އެވެ. ވެރިރަށް މާލެއިން ފެށިގެން އަތޮޅު ތެރޭ އެތައް ރަށަކަށް ބަލާލިޔަސް 100 ޕަސެންޓް ބިދޭސީއިން ހިއްސާވާ އެތައް ވިޔަފާރިއެއް ކުރެ އެވެ. ރާއްޖޭގައި މިހާރު ވެސް ފައިސާ ހޯދުމަށް 80،000 އާއި 110،000 އާ ދެމެދު އަދަދެއްގެ ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އުޅެނީ ގަވައިދާ ހިލާފަށެވެ.

"ހަގީގަތުގައި ބިދޭސީންގެ އަތް ގަދަ ކަމުން ވިޔަފާރިތައް ކުރަން ވެސް އުނދަގޫ، އެ މީހުންގެ މީހުން ގިނައީ ބޭންކްތަކުގައި ވެސް، ދެން މުދާތައް މާލެ އާއި ހިސާބަށް ގެނައުމުގައި ވެސް، އެހެންވީމަ އަހަރެމެން މި ޖެހެނީ އެމީހުންގެ އަތުން މުދާ ގަންނަން. އަނެއްކާ ބައެއް ދިވެހިން އެބަތިބި ވިޔަފާރި ކުންފުނިތައް ހިންގުން މުޅިން ބިދޭސީއިންގެ އަތްމައްޗަށް ދޫކޮށްލައިގެން، އެހެން ހެދީމަ ވާ ގޮތަކީ ދިވެއްސަކަށް ވަޒީފާއެއް ކީކުރަން އެއްވެސް ފުރުސަތެއް ނުލިބޭނެ،" ފުޅާ ދާއިރާއެއްގައި ތަރުކާރީ ވިޔަފާރި ކުރާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ވަޒީފާއެއް ނެތި 38493 ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. ވަޒީފާގައި އުޅޭ ބިދޭސީއިންނަށް ބަލަމާތޯ އެވެ. ކޮންސްޓްރަކްޝަން ދާއިރާގައި 34260 ބިދޭސީ އިން މަސައްކަތްކުރާ އިރު ޓޫރިޒަމް ދާއިރާގައި 13488 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު މަސައްކަތް ކުރަމުންދާއިރު ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގައި 4595 ބިދޭސީއަކު ވަޒީފާ އަދާކުރަމުންދެ އެވެ. ތައުލީމީ ދާއިރާގައި 2114 ބިދޭސީއިން މަސައްކަތްކުރެ އެވެ. މާލީ ދާއިރާގައި 6860 ބިދޭސީއަކު އުޅޭ އިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މުޅި ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް 28.1 ޕަސެންޓްގައި ހުރިއިރު ބިދޭސީން ދަނީ ވަޒީފާތައް މެދުވެރިކޮށް އެތައް ފައިސާއެއް ހޯދަމުންނެވެ.

އިމިގުރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަހަކު މަދުވެގެން 100 ޑޮލަރާއި 200 ޑޮލަރުގެ ނިސްބަތުން އެ މީހުންގެ ގައުމަށް ފައިސާ ބޭރު ކުރަމުންދާ ނަމަ އަހަރު ދުވަހުގެ ތެރޭގައި 44.6 ބިލިއަން ރުފިޔާ އާއި 89.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުވާނެ އެވެ. މި އަންނަ އަހަރު ވެސް ދައުލަތަށް ޖުމްލަ އާމްމަދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވެނީ 13.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ލިބޭ އާންމު ދަނީ އަށް ވުރެ ބިދޭސީ އިން ބޭރު ކުރާ ފައިސާގެ އަދަދު ވެސް ވަނީ އެތައް ބިލިއަނެއް އިތުރުވެފަ އެވެ.

އާމްމުދަނީ ހޯދުމަށް މަސްވެރިކަން ކުރުމަކީ ބިދޭސީއިންނަށް މަނާކަމެކެވެ. ނަމަވެސް މާލޭ މާރުކޭޓުގައި ގިނައިން މިހާރު މަސްވިއްކަން ތިބެނީ ބިދޭސީއިންނެވެ. ދަނޑުވެރިންގެ މާރުކޭޓުގެ ގޮޅިތަކެކޭ "ޑާކާ ބާޒާރެކޭ" ތަފާތެއް ނެތެވެ. ކަންމަތީ ފިހާރައަކީ ބިދޭސީ ސޭޓުގެ ތަނެކެވެ. ކެފޭ ހޮޓާތަކުން ކާއެއްޗެއް ލިބޭނީ ބިދޭސީއަކު ކައްކައި ބިދޭސީއަކު ގެނެސްދީފިއްޔާ އެވެ. ބޮޑެތި ވިޔަފާރިތަކުގެ މުގުލުގައި ތިބީ ބިދޭސީއިންނެވެ. މިހަގީގަތް މިހެންއޮތްއިރު ކަމާބެހޭ އިދާރާއަކާއި ސުވާލުކޮށްލަމާތޯ އެވެ. އޭރު ވެސް މިހާރު ވެސް ދޭނީ އެއް ޖަވާބެކެވެ. އެއީ "ވަރަށް ސީރިއަސްކޮށް ތި ފަދަ މައްސަލަތައް ބަލަމުން މިދަނީ،" އެއީ އެވެ. ފަސޭހަ ޖަވާބެކެވެ.

މި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ހައްލުތަކުގެ މާ ބޮޑު ތަފްސީލްތަކެއް ނުދެއްވަ އެވެ. ދިވެހިންގެ އުންމީދަކަށް ވާނީ އާ ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނެސް ބިދޭސީއިންގެ މައްސަލަތައް ހައްލުކުރުމެވެ.

ގައުމުން ފައިސާ ބޭރުވުމުގެ އިތުރުން ވެސް ބިދޭސީއިންގެ ފަރާތުން ބޮޑެތި ނުރައްކާތަކެއް މިގައުމަށް އެބަވެއެވެ. މިއަދު މިއޮތް ހާލަތަށް ބަލާ އިރު 2018 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީ އެއްވަރުވާނެ ކަމަށް އިމިގުރޭޝަންއިން ބުނެ އެވެ. އެއީ ރާއްޖޭގެ ދާހިލީ ކަންކަމަށް އޮތް ބޮޑު ބިރެކެވެ. ބިދޭސީއިންގެ ފަރާތުން ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ބަލާ އިރު ބަދުއަހުލާގީ އެތައް އަމަލެއް ހިންގުމާއި މާރާމާރީތައް ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ބޮޑެތި ކުށްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވާކަމީ ނުރައްކަލެކެވެ. އިމިގްރޭޝަނުން ބުނީ ތަފާތު އެކިއެކި ކުށްތަކުގައި މި އަހަރު އެކަނި ވެސް 170 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ޖަލުގައި އެތައް ބިދޭސީންނެއް ގައިދީންގެ ގޮތުގައި ހުކުމްތަންފީޒު ކުރަނީ އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް މިހާރު ވަނީ ގޮސްފަ އެވެ. އަދި ރާއްޖެ އަށް ބިދޭސީން އެތެރެ ކުރުން މަޑުކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އާ ސަރުކާރެއް ވެރިކަމާ ހަވާލުވި ދުވަސްވެރެވެ. ޔަގީން ކަމާއެކު އެނގޭ ކަމަކީ މިގައުމަށް ފާގަތިކަމެއް ގެނެވޭނީ ބިދޭސީއިންގެ މައްސަލަ ހައްލުކުރެވިގެން ކެމެވެ. އެހެން ކަމުން ގަވައިދާ ހިލާފަށް، އެންމެންގެ ލޯތައް ކުރިމަތީ ހަރަކާތްތެރިވާ ބިދޭސީން މިގައުމުން ފޮނުވާލުން އަވަސްކުރަންޖެހެ އެވެ. ބިދޭސީންގެ މައްސަލަތަކަށް ފާރަވެރިވާ މުއައްސަސާތައް ހަރުދަނާކޮށް "ލޮލުގައި އައިނުއަޅުވަން" ޖެހެ އެވެ. އެޖެންސީތަކަކީ ބިދޭސީން ގަވާދާ ހިލާފަށް އެތެރެކޮށްގެން މަންފާ ހޯދާބަޔެއްގެ ބަދަލުގައި ހެޔޮގޮތުގައި އާމްދަނީ ހޯދާ ބަޔަކަށް ހަދަންޖެހެ އެވެ. ބިދޭސީން އެތެރެކުރެކުރުމުގައި އޮޅުވާލާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ދޭންޖެހެ އެވެ. ބިދޭސީންގެ ބެލެނިވެރިކަމުގެ ޒިންމާ ބޮޑުކޮށް ހަރުދަނާކުރަންޖެހެ އެވެ.