09 Dec 2010, 04:56
އިސްރާއީލުގެ ބޮޑެތި ހުރިހާ ރަށްތަކަށާއި ވެރިރަށް ޓެލްއަވީވަށް ހަމަލާދެވޭވަރުގެ ބައިލައްކައަށްވުރެގިނަ ރޮކެޓާއި މިސައިލް ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތަށް ލިބިގެންވާ ކަމަށް ވިކިލީކްސް އިން ލީކުކޮށްލި އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ލިޔުންތަކެއް ބުނެފި އެވެ. މިލިޔުންތައް ބުނާ ގޮތުން އީރާނުގައި އުފައްދާފައިވާ "ފާތިޙު 110" މަރުކާގެ 40 ހާހާއި 50 ހާހާ ދެމެދުގެ ޢަދަދެއްގެ މިސައިލާއި ރޮކެޓް ޙިޒްބުﷲ އަތުގައި އެބަހުއްޓެވެ. މީގެއިތުރުން ސްކަޑް މިސައިލްވެސް ޙިޒްބުﷲ އަށް ލިބިގެންވާ ކަމަށް އެމެރިކާގެ ސިއްރު މިލިޔުންތައް ބުނެއެވެ. އެމެރިކާގެ މަސްއޫލުވެރިއަކުވެސްވަނީ ވިކިލީކްސް އިން ބޭޒާރުކޮށްލި މިވާހަތައް ކަށަވަރު ކޮށްދެއްވާފައެވެ. ނަންހާމަކުރަންނޭދޭ އެމެރިކާގެ މިމަސްއޫލުވެރިޔާ އާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނީ އިސްރާއީލުގެ ބޮޑެތި ހުރިހާ ރަށްތަކަށާއި ވެރިރަށް ޓެލްއަވީވަށް ހަމަލާދެވޭވަރުގެ ބައިލައްކައަށްވުރެގިނަ ރޮކެޓާއި މިސައިލް ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތުގެ އަތުގައި އެބަހުރި ކަމުގެ ޖާސޫސީ މައްލޫމާތު ޕެންޓަގަންއަށް ލިބިފައިވާ ކަމުގައެވެ. ދެހާސް ހަވަނަ އަހަރު ޙިޒްބުﷲ ގެ ދުވަސް ދުއްވާލުމަށްޓަކައި އިސްރާއީލުފެށި ޢުދުވާނީ ހަނގުރާމަ ކާމިޔާބު ކުރުމުގައި އިސްރާއީލުވަނީ ފޭލްވެފައެވެ. މިހަނގުރާމައިގާ ލުބްނާންގެ ދިފާޢުގައި ހިޒްބުﷲ ވަނީ އިސްރާއީލުގެ ޢަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލުގެ ބައެއް ރަށްތަކަށާއި ވިލެޖްތަކަށް ހަތަރު ހާހަށްވުރެ ގިނަ ރޮކެޓް ޙަމަލާތައް ދީފައެވެ. އެމެރިކާއާއި އިސްރާއީލުން ގެންދަނީ ޙިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އީރާނާއި ސުރިޔާގެ މައްޗަށް ކުރަމުންނެވެ.