ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އިންޓަނޭޝަނަލް އޭޕުރަންގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތާއި އެއާޕޯޓްގެ ރަންވޭގެ ޖާގަ ބޮޑުކުރުމަށް ހޯލްޑިން ބޭއެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ޓްރާންސްޕޯޓް މިނިސްޓްރީން ކުރާނެ ކަންތައްތައް އިއުލާން ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާއަށް ހުށަހެޅި ވީޑިއޯ ޕްރެޒެންޓޭޝަންގައި ބުނެފައި ވަނީ ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި އައިއެންއައިއޭގެ ތަރައްގީއަށް ބޮޑެތި ކަންކަން ފެށިގެން ދާނެ ކަމަށެވެ. އެގޮތުން އޭޕުރެންނާއި ރަންވޭގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ޑޮމެސްޓިކް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަހަރަކު މަދުވެގެން ފަސް މިލިއަން ފަސިންޖަރުންނަށް ބޭނުން ކުރެވޭނެ އެއާޕޯޓްކަށް އައިއެންއައިއޭ ހެދުމެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުވައްމުލަކާއި ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފުލައިޓް ޖެއްސޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓްގައި ޖެޓް ޖެއްސޭނެ އިންތިޒާމް ހަމަޖައްސައި ކޫއްޑޫ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރޭގެ ޖަލްސާއަށް ހުށަހެޅި ވީޑިއޯ ޕްރެޒެންޓޭޝަންގައި ބުނެފައިވެ އެވެ. އޭވިއޭޝަން ދާއިރާގެ ފުރަތަމަ 100 ދުވަހުގެ ޕުލޭންތަކުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންއިން ސީޕުލޭންގެ ހިދުމަތް ފެށުމަށް ބޮޑެތި ތައްޔާރީތަކެއް ވުން ވެސް ހިމެނެ އެވެ.

ފުރަތަމަ 100 ދުވަހުގެ ޕުލޭންގައި އެއްގަމުގެ ދަތުރުފަތުރުގެ ތެރެއިން ޓެކްސީ ގަވައިދަށް އަމަލުކުރަން ފެށުން ހިމެނެ އެވެ. އެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ޓެކްސީގެ ފެންވަރު ރަނގަޅުވެ އާންމުންގެ ޝަކުވާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ ގަވައިދުގެ ދަށުން ބާ ޓެކްސީތައް އާ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސުކީމެއް ގާއިމް ކުރެވޭނެ ކަމަށް ޓުރާންސްޕޯޓުން ބުންޏެވެ.

ބަހުގެ ހިދުމަތް ފުޅާ ކުރުމަށް ހުޅުމާލޭގެ ލޭބާ ހޫޑް ދެއަކަށް މެޓްރޯބަހުގެ ހިދުމަތް ކުރިއަށްއޮތް 100 ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެ މިނިސްޓުރީއިން ބުންޏެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުލެޔާއި މާލެއާއި ދޭތެރޭ ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ހިދުމަތްތަކާއެކު މަސްވެރިންގެ ޕާކްގައި ފެރީ ގިމަތައެއް ގާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އަދި ރާއްޖެއިން ބޭރުން ގެންނަ މުދާ ސީދާ ހުޅުމާލެއަށް ބޭލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޓުރާންސްޕޯޓްއިން ބުނެ އެވެ.

ކޮމިއުނިކޭޝަން ދާއިރާއިން ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އަތޮޅުތަކުގައި 15 އީސެންޓާ ގާއިމް ކުރުމާއި އައިސީޓީ ދާއިރާގެ އެކިއެކި ފުރުސަތުތައް އަތޮޅު ތެރޭގައި ދިރިއުޅޭ ޒުވާނުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ޕޯސްޓް އޮފީސް މެދުވެރިކޮން ނޮން އިލެކްޓޯނިކް ޕާސްޕޯޓް ހެދުމުގެ ހިދުމަތް ހދ އަތޮޅާއި ލ އަތޮޅާއި ފުވައްމުލަކުގައި ފެށިގެންދާނެ ކަމަށާއި އަދި ޕޯސްޓް މެދުވެރިކޮށް ފޮނުވާ ތަކެތި ސުކެންކުރެވޭނެ ސުކެން މެޝިނެއް ބެހެއްޓިގެންދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ޕޯސްޓުގެ އަވަސް ހިދުމަތް ތައާރަފްކުރެވިގެންދާނެ ކަމަށާއި ދާރުލް އާސާރުގައި ޕޯސްޓާ ބެހޭ ހާއްސަ ކޯނާއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކޮމިއުނިކޭޝަން ދާއިރާއިން ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި އައިސީޓީ ދާއިރާއިން ސާކް ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ގައުމަށް ހެދުމާއި ޓެކްނޮލޮޖީގެ ހިދުމަތް ދޭ އަގު ސާކް ސަރަހައްދު އެންމެ އަގު ހެޔޮ ގައުމުތަކުގެ ތެރޭގައި ހިމެނުން ހިމެނެއެވެ.