ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ސަމާލުކަށް ހޯދައި ދިނުމުގެ ގޮތުން ޖަޕާންގެ "ޕީސް ބޯޓް" ރާއްޖެ އަތުވެއްޖެ އެވެ.

ޖަޕާމްގެ ޕީސް ބޯޓް ރާއްޖެ އަށް ކުރާ ދަތުރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތައް ހޯދައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމެވެ.

ޕީސް ބޯޓް އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި އޮތް ރަސްމީއްޔާތެއްގައި ޕީސް ބޯޓުގެ އިންޓަނޭޝަނަލް ސެކްރެޓަރީ ސޭމް އެނެސްލީ ވިދާޅުވީ އެ ބޯޓަކީ އަހަރަކު ތިން ފަހަރު ދުނިޔޭގެ ތަފާތު އެކި ގައުމުތަކަށް ދަތުރުކުރާ ބޯޓެއް ކަމަށެވެ. އަދި އެ ދަތުރު ތަކުގައި ދުނިޔޭގެ ތަފާތު އެކި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހޯދައި ދުނިޔޭގެ ސަމާލު ކަމަށް ގެންނަން މަސައްކަތް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޯޓް ރާއްޖެ އަށް ކުރާ ދައުތުރުގެ ބޭނުމަކީ ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ދުނިޔޭގެ ސަމާލު ކަމަށް ގެނެސް ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ބައިނައްލަޢުވާމީ ފެންވަރެއްގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށިގެ ނާޒުކު ކަމަށް ހޭލުންތެރި ކުރުވުމަކީ ވެސް އެ ބޯޓް ރާއްޖެ އައުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފަރާތުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ހަލީލް ވިދާޅުވީ އެ ބޯޓުން 1000 އަށް ވުރެ ގިނަ މީހުން ރާއްޖެ އަށް ޒިޔާރައް ކުރި ކަމަށެވެ. އަދި ޕީސް ބޯޓުގެ ބައިވެރިންނަށް ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަ ތަކާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ކިޔައިދީފައި ވާނެ ކަމަށެވެ. މީގެ އިތުރުން ބޯޓް ގެ ބައިވެރިން ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ގޮތުން ބޭނުންވާ މައުލޫމާތު ދީފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަޕާންގެ ޕީސް ބޯޓް ރާއްޖެ އައުމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.