ސިންގަޕޫރުން: އަބްދުﷲ ޖަމީލު

ސިންގަޕޫރުގައި މިރޭ ބަޔަކު ހަމަނުޖެހުން ހިންގައި ޕޮލިސް ކާރުތަކަކާއި އެމްބިއުލަންސެއްގައި ރޯކޮށްލައިފި އެވެ.

އޭޝިއާގައި އެންމެ ރައްކާތެރި ގައުމުގައި މިރޭ 9:30ހާއިރު ހަމަނުޖެހުން ހިންގާފައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އެއްވެ އުޅޭ ލިޓްލް އިންޑިއާ ސަރަހައްދުގަ އެވެ. މި ހަމަނުޖެހުމުގައި 400 އެއްހާ މީހުން ބައިވެރިވި ކަމަށް ސިންގަޕޫރުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ސިންގަޕޫރުގެ ޕޮލިސްއާ ހަވާލާދީ މި ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ އެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން އެ ސަރަހައްދަށް ދިޔަ ފަސް ޕޮލިސް ކާރަކަށް ގެއްލުންދީ އެ ސަރަހައްދަށް ދިޔަ އެމްބިއުލަންސެއްގައި ވަނީ ރޯކޮށްލާފައިވާ ކަމަށެވެ. އަދި މިކަމުގައި ބައިވެރިފައި ވަނީ ބިދޭސީ ލޭބަރުން ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާއިން ބުނީ ހަމަނުޖެހުން ހިންގަން މެދުވެރިވީ މަގު ހުރަސްކުރި ބަންގްލަދޭޝް މީހެއްގެ ގައިގަ ބަހަކުން ޖެހި މަރުވުމުންނެވެ. އަދި އެ ހާދިސާ ހިނގުމުން އެ ސަރަހައްދުގައި ތިބި ބިދޭސީންތަކެއް ވަނީ ބަހަށް ވެސް ގެއްލުންދީފަ އެވެ.

ފުލުހުން ބުނީ ހެމްޝާ ރޯޑް އަދި ރޭސްކޯސް ރޯޑުގައި މިރޭ ހިންގި ހަމަނުޖެހުން ކޮންޓްރޯލްކޮށް އެކަމުގައި ބައިވެރި މީހުން ހޯދަން ފަށައިފަ އެވެ.

ސިންގަޕޫރުގައި މިފަދަ ހަމަނުޖެހުން ހިންގުމަކީ ވަރަށް ބޮޑު އަދަބު ލިބޭ ކުށެކެވެ. އަދި މިފަދަ ހަމަނުޖެހުމެއް ފަހުގެ ތާރީހެއްގައި ހިނގާފައެއްނުވެ އެވެ.