08 Dec 2013, 17:32
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އަދި މިއަދުގެ ފިނޭންސް މިނިސްޓާ އަބުދުއްﷲ ޖިހާދު، ހުންނަވައިގެން ފިނޭންސް މިނިސްޓްރީ އިން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 300 މިލިއަން ރުފިޔާގެ ލޯނު ނަގާފައި ވަނީ އުސޫލުތަކާއި އަދި މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން މިއަދު ނެރެފައިވާ ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ސަރުކާރުން ލޯނެއް ނެގުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަށް ހުށައަޅައި އަދި އެކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މަޖިލީހުން އެ ލޯނު ނެގުމަށް ފާސްކުރަން ޖެހޭ އިރު ބީއެމްއިލް އިން ނަގާފައިވާ 300 މިލިއަން ރުފިޔާގެ ލޯނު ނަގާފައި ވަނީ އެ އުސޫލްތަކާ ހިލާފަށް ކަމަށެވެ.
އެރިޕޯޓްގައި ބުނެފައި ވަނީ ލޯނު ނެގުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނަގަން ޖެހޭ އިރު އެ ލޯނު ނެގުމުގެ ހުއްދަ ހޯދުމަށް 28 މެއި 2012 ގައި ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވުމުގެ އެއް ދުވަސް ކުރިން ފިނޭންސް މިނިސްޓްރީ އަށް ބީއެމްއެލް އިން ހުށައެޅި "ލޯނު ސެކްޝަން ލެޓާ"ގައި ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުމުގެ ކުރިން ލޯނު އެގުރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ބަޖެޓް ސަޕޯޓަށް ނެގި އެ ލޯނު ނެގުމުގެ ހުއްދަ އަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އެދިވަޑައިގަތް އިރު ބީއެމްއެލް އިން 200 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ފިނޭންސް މިނިސްޓްރީ އަށް ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. އެ ލޯނުގެ 100 މިލިއަން ރުފިޔާ ބީއެމްއެލް އިން ފިނޭންސް މިނިސްޓްރީއަށް ދީފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުގަ އެވެ. އެއީ މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކެއްކަން އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ބަޖެޓް ސަޕޯޓް ލޯނުތައް ނަގަން ވާނީ ދެ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ލޯނު ބޭނުންކުރަން ފަށާތާ 10 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިރު ބީއެމްއެލް އިން ނެގި 300 މިލިއަން ރުފިޔާގެ ލޯނު ނަގާފައި ވަނީ ނުވަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްގައިކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
ގަވައިދާ ހިލާފަށް ނަގާފައިވާ އެ ލޯނާ ގުޅިގެން އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ 47 އަދި 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށެވެ.