08 Dec 2013, 17:01
ފުރާވަރުގެ ކުދިން ހޭލުންތެރިކުރުވުމަށް ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް އިން ތައާރަފްކޮށްފައި "ލައިފް ސްކިލްސް" ޕެކޭޖް ރާއްޖޭގެ ސްކޫލްތަކަށް އަލުން ތައާރަފްކުރަން ސަރުކާރުން ނިންމައިފި އެވެ.
މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ 2014ގެ ދިރާސީ އަހަރު ފެށޭއިރު އެކަން ޔޫއެން އެފްޕީއޭގެ ލައިފް ސްކިލްސް ޕެކޭޖް ރާއްޖޭގެ ސްކޫލްތަކަށް އަލުން ތައާރަފް ކުރައްވާނެ ކަމަށެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީއާ ބެހޭ މިއަހަރުގެ ރިޕޯޓް "ސްޓޭޓަސް އޮފް ވޯލްޑް ޕޮޕިއުލޭޝަން 2013" ރާއްޖޭގައި އާއްމުކުރުމަށް މިއަދު މެންދުރު ފަހު ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދަރިމައިވުމާއި ޖިންސީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ފުރާވަރުގެ ކުދިން ހޭލުންތެރި ކުރުވުމަށް ތައްޔާރުކޮށްފައިވާ އެކުލަވާލައި 2004 ވަނަ އަހަރު ތައާރަފްކޮށްފައިވާ ޕެކޭޖަކީ މައްސަލައަށް (ފުރާވަރުގެ އުމުރުގައި ދަރިމައިވުމުގެ މައްސަލަ) ހައްލުކުރަން، ރާއްޖޭގެ ސްކޫލްތަކުގައި އެންމެ ސިސްޓަމެޓިކް ކޮށް އަދި އެންމެ ރަނގަޅަށް ހިންގުނު ޕްރޮގްރާމް، އެޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޓަކައި ހާހަކަށް ވުރެ ގިނަ ފެސިލިޓޭޓަރުން ވަނީ ތަމްރީނު ކޮށްފައި. އަންނަ 2014 ވަނަ އަހަރުގެ ކިޔެވުން ފެށޭއިރު ޔޫއެން އެފްޕީއޭ ލައިފް ސްކިލް ޕެކޭޖް ރާއްޖޭގައި އަލުން ތައާރަފްކުރާނެ ކަން އަޅުގަނޑު އިއުލާން ކުރަން،" ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކުގައި ވެސް އެކަންތައްތައް ހިމެނުމަށް ރާއްޖޭގައި މަތީ ތައުލީމުދޭ ތަންތަނާ ވާހަކަ ދައްކަވާނެ ކަމަށެވެ.
ޔޫއެން އެފްޕީއޭ ލައިފް ސްކިލް ޕެކޭޖްގައި ހިމެނެނީ ފުރާވަރުގެ ކުދިންނަށް އެކުދިންގެ އަމިއްލަ ނަފުސާ މެދު އިނގެން ޖެހޭ ގިނަ ކަންތައްތަކާ ބެހޭ ގޮތުން ދެވޭ މައުލޫމާތު ތަކެކެވެ. އެގޮތުން ހޭލުންތެރިކުރުވާ ކަންތައްތަކުގެ ތެރޭގައި ދަރިމައިވުމުގެ ނިޒާމާއި އަމިއްލަ ސާފުތާހިރު ކަމާއި ޖިންސީ ކަންކަމުގައި ރައްކާތެރި އުސޫލުތައް ގެންގުޅުން ފަދަ ކަންތައްތައް ހިމެނެ އެވެ.