ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު މިއަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން މިއަދު އާންމު ކުރި ބަޔާނެއްގައި އެއިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ހުށައަޅަން ޖެހޭ އެޕްލިކޭޝަން ފޯމާއި ދަރަންޔާއި ކުށުގެ ރެކޯޑް ސާފުކުރުމަށް އިތުރު ވަގުތު ބޭނުންވާތީ އެތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުގެ މުއްދަތު މިއަންނަ އަންގާރަ ދުވަހުގެ ހަވީރު 3:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެކޮމިޝަންއިން ބުނީ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 3:00 އަށް ކަމަށެވެ.

އަންނަ ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބުގައި 975 ރަށު ކައުންސިލަރުންނާއި 123 އަތޮޅު ކައުންސިލަރުންގެ އިތުރުން 17 ސިޓީ ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.