މި މަހުގެ ކުރީ ކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤު ކުރައްވައިފި އެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފި އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހި ރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ޓަކައި ޓްރެފިކް ކުރުމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި ޓްރެފިކް ކުރުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި އެނޫން ވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
އެ ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މީހުން ޓްރެފިކް ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި ދިވެހި ރާއްޖޭގައި ނުވަތަ ދިވެހި ރާއްޖެ މެދުވެރިކޮށް ހިންގޭ، މީހުން ޓްރެފިކް ކުރުމުގެ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމާއި މި ޤާނޫނުގެ ދަށުން ކުށްކުރާ މީހުންނަށް ކަމާ އެކަށީގެންވާ އަދަބު ދިނުމާއި މި ޤާނޫނުގެ ދަށުން ކުށްކުރާ މީހުންގެ މައްސަލަތައް، އެކަށީގެންވާ ގޮތަކަށް ތަޙުޤީޤު ކުރެވި، އެމީހުންގެ މައްޗަށް ދަޢުވާ ކުރެވޭނެ ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމެވެ. މީގެ އިތުރުން، ޓްރެފިކް ކުރުމުގެ ޝިކާރައަކަށްވާ އަދި ޝިކާރައަކަށްވެދާނެ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ މީހުންގެ އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރި ކުރުވުމާއި ދިވެހިރާއްޖޭގައި ނުވަތަ ދިވެހި ރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ޓަކައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކުރުން ވެސް އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ ޤާނޫނު ކިޔަންވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އެއްވެސް ހަނިކަމެއް ނާންނާނޭ ގޮތުގެ މަތިން ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ޝަރުޢީ ކޯޓުތަކުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކުރުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމުޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެ އުޞޫލުތައް ނެގެހެއްޓުމާ އެކު، ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވާ ކަމާގުޅޭ އުޞޫލުތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.