ވަޒީފާ އަދާނުކުރާ ޒުވާނުންގެ ތަފާސް ހިސާބުގެ ދަފްތަރެއް އެކުލަވާލަން ސަރުކާރުން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ 94،000 ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން މިވަގުތު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ވަޒީފާ އަދާނުކުރާ ޒުވާނުންގެ މައުލޫމާތު އެއްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ޒުވާނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށުން މާދަމާ އޮންނާނެ ކަމަށް ވެސް ޔޫތުމިނިސްޓްރީން ބުންޏެވެ. އެމިނިސްޓްރީން ބުނީ އެ މަސައްކަތް ރަސްމީކޮށް ފެށުމަށް ފަހު މާލޭގެ އެކިއެކި ތަންތަނުގައާއި އަތޮޅު ތަކުގެ ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއށް ގެންދެވޭނެ ކަމަށެވެ.

އެ މަޝްރޫއުއަކީ ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު ދެނެގަނެ އަދި އެޒުވާނުންނަށް ވަޒީފާއާއި ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދީގެން ގައުމުގެ ތަރައްގީއާއި ޒުވާނުންގެ ހިއްސާ އިތުރުކޮށް ޒިންމާދާރު ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރމުގައި ޒުވާނުންގެ ހިއްސާ އިތުރުން ކުރުން ކަމުގައި ވެސް އެމިނިސްޓްރީން ބުންޏެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ވަޒީފާނެތް ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދީ ވަޒީފާ އަށް ނުކުތުމަށް ޒުވާނުން ތައްޔާރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.