08 Dec 2013, 15:31
ބޭ އޮފް ބެންގޯލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި މިހާރު އުފެދިފައިވާ ތޫފާން މަޑީގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް މިއަދު ވިދާޅުވީ "ސައިކްލޯން މަޑި" ނަމަކަށްކިޔާ ތޫފާން އުފެދިފައި ވަނީ ރާއްޖެއާ ދުރު ހިސާބެއްގައި ކަމަށާއި އެ ތޫފާން ދަތުރު ކުރަނީ އެހެން ސަރަހައްދަކަށް ކަމަށެވެ. އެހެންކަމުން އެ ތޫފާނުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މި ދުވަސްވަރު އެންމެ ބޮޑަށް ވިއްސާރަކުރަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހު ވެސް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ އެއްވެސް ފަރާތަކުން ދަތުރު ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.