ފަލަސްތީނުން މިހާރު އިސްކަންދެނީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގައި އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ހުރިހާ ބިމެއް ހިމެނޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ދުނިޔޭގެ ޤައުމުތަކުން އިޢްތިރާފް ހޯދުމަށްކަމަށް ފަލަސްތީނުގެ ޒާތީ އިދާރާއިން ބުނެފި އެވެ. ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވީ އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަ ދައްކައިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދޭނެ ކަމުގެ އުންމީދު ގެއްލެމުންދާ ކަމުގައެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގެ ހުރިހާ ބިމެއް ހިމެނޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ދުނިޔޭގެ ޤައުމުތަކުން އިޢްތިރާފް ހޯދުމަށް ފަލަސްތީނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މިހާރު އިސްކަންދެނީ ޔޫރަޕްގެ ޤައުމުތަކުގެ އިޢްތިރާފް ހޯދުމަށް ކަމަށްވެސް ޢައްބާސް ވިދާޅުވި އެވެ.


 ލެޓިންއެމެރިކާގެ ދެޤައުމެއް ކަމަށްވާ ބްރަޒީލާއި އާރޖެންޓީނާއިން މިދިޔަ ހޯމަދުވަހު ވަނީ އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ހުރިހާ ބިމެއް ހިމެނޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤަބޫލުކޮށްފިކަން ރަސްމީކޮށް ޢިޢްލާން ކޮށްފަ އެވެ. ޢަރަބި އިސްލާމީ ޤައުމުތަކާއި ތިންވަނަ ދުނިޔޭގެ ޤައުމުތަކާއި އަދި ދުނިޔޭގެ ވަރަށް ގިނަ އެހެން ޤައުމުތަކުން ވެސް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިޢްތިރާފްވާން ތައްޔާރަށްތިބި ކަމަށް ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ނަބީލް ޝަޢްތު ވިދާޅުވި އެވެ.


ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމުން އިސްރާއީލުގެ އިސްތިޢްމާރީ ސިޔާސަތުތައް ދިފާޢުކުރަން އެމެރިކާއަށް އުނގޫވާނެ ކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެކަމާދެކޮޅަށް ވީޓޯ ކުރަން ވެސް މިފަދަ ޙާލަތެއްގައި އެމެރިކާއަށް ދަތިވާނެ ކަމަށް ޝަޢްތު ވިދާޅުވި އެވެ.