ރީތި މީހުންނަށް ވަޒީފާގައި ކުރިއަރައި ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އަކުން ކުރި ދިރާސާ އަކުން ދައްކައިފި އެވެ. ޔުނިވަރސިޓީ އޮފް އެސެސް ގެ ސޯޝިއަލޮޖިސްޓުން ތަކެއް ކުރި ދިރާސާއިން ދައްކާ ގޮތުގައި ރީތި މީހުން ރީތި ނޫން މީހުނަށް ވުރެ މާ ރަނގަޅަށް އެމީހުންގެ ވަޒީފާގެ މާހައުލު ބިނާ ކުރެއެވެ.

މި ދިރާސާ ހެދި މީހުން ބުނާ ގޮތުގައި ރީތި މީހުން ވަޒީފާގެ މާހަލުގައި މި ގޮތަށް ކުރިއަރައިގެން ދާން ދިމާވާ މައިގަނޑު ކަމަކީ އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރެއްގެ ސަބަބުންނެވެ. އެ މީހުން މަސައްކަތުގެ މާހައުލުގައި ކުރާ ގިނަ ކަންކަމުން އެކަން ފާހަގަވެ އެވެ. މި ފަދަ މީހުން އެ މީހުންގެ މަސައްކަތުގެ އަޚުލާގާއި މަސައްކަތުގެ ކޮލިޓީ ރަނގަޅު ކުރުމަށް ޚާއްސަ ސަމާލުކަމެއްދެ އެވެ.

އިނގެރޭސި ވިލާތާއި އިޓަލީގެ ޓީމެއް ކުރި މިދިރާސާ އަކީ 1957 ގައި އެމެރިކާގެ ވިސްކޮންސިން ސްކޫލުން ކިޔެވި 8000 ފިރިހެނުންނާއި އަންހެނުން ގެ މައްޗަށް އެތައް އަހަރު ތަކެއްގެ ޑާޓާ ބެނުން ކޮށްގެން ކުރި ދިރާސާ އެކެވެ.
ދިރާސާގައި ހިމެނޭ މުހިއްމު ކަންތައްތަކަށް ބަލާއިރު އެމީހުންގެ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަދާކޮށްފައިވާ ވަޒީފާ ތަކާއި، އެމީހުން ސްކޫލް ދުވަސްވަރުގެ ފޮޓޯތައް ހިމެނެއެވެ. މި ފޮޓޯތައް ބޭނުން ކުރެވުނީ ސްކޫލް ދުވަސްވަރުން ފެށިގެން އެމީހުންގެ ރީތި ހުތުރުމިން ބެލުމަށެވެ. އަދި އޭގެން ދޭހަވި ގޮތުގައި ސްކޫލް ނިމުނު އިރު އެންމެ ރީތި ކޮށް ތިބި ކުދިން އަދާ ކުރަނީ މަތީ މަގާމުތަކެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ރިޓަޔަރ ކުރަން ވެސް ކައިރިވެފައެވެ.

ކިޔެވުމުގެ ފެންވަރާއި އިންޓެލިޖެންސް އަށް ވެސް މި ދިރާސާގައި ބަލައިފައިވެ އެވެ. އެސެސް ޔުނިވަރސިޓީގެ ރިސާޗަރެއް ކަމަށްވާ ގުންޑި ކްނައިސް ބުނި ގޮތުގައި ރީތި މީހުނަށް ލިބިފައިވާ ހާއްސަ އިނާޔަތަކީ 'ބިއުޓީ ޕްރީމިއަމް" އެވެ. އަދި އެމީހުންގެ ދިރާސާގައި މޫނަކީ ހިތްކިޔާ ކަހަލަ ސިފަ ލިބިފައިވާ މޫނެއް ނަމަ އެމީހަކީ ވަޒީފާގެ މާހައުލުން ފެށިގެން ގޮސް ނިމެންދެން ވެސް ބޮޑެތި މަގާމުތަކުގައި ދެމިތިބެވޭ ބައެއް ކަމުގައި ފާހަގަވާ ކަމެވެ.

ޑރ. ކްނައިސް އިތުރަށް ބުނި ގޮތުގައި ވަޒީފާ ދޭ ފަރާތުން ވެސް ރީތި މީހުންނަށް ބޮޑަށް އަހައްމިޔަތު ކަމެއް ދޭ ކަމަށާއި، އަދި މީގެ އިތުރުން ރީތި މީހުން އެމީހުންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކަމަށެވެ. އެހެންކަމުން އެފަދަ މީހުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ މަތީ ހަރުފަތަށް އެރޭތޯއެވެ.

ކުރިން ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި ރީތި މީހުންނަށް އަވަހަށް ފަސޭހައިން ވަޒީފާ ހަމަޖެހުމާއި، ޕްރޮމޯޝަންތައް އަވަހަށް ލިބުމާއި، އެމީހުންނާ އެކީ ވަޒީފާ އަދާ ކުރާ އެހެން މީހުނަށް ވުރެ %4 އިތުރު މުސާރަ ލިބެ އެވެ.

"ނަމަވެސް މިއީ ދެގޮތަށް ދެއްކިދާނެ ވާހަކައެކެވެ. އެއްގޮތަކީ ރީތި މީހުންނަށް ވީތި ފަސޭހައިން މަތީ މަގާތު ލިބެނީތޯއެވެ. ނުވަތަ ރީތި ވީތީ މަތީ މަގާމުތައް ހޯދަން ބޮޑަށް މަސައްކަތް ކުރެވެނީ ތޯއެވެ" ޑރ.ކްނައިސް ބުންޏެވެ.