08 Dec 2013, 14:37
އެމްބީއޭ ޗެމްޕިއަންޝިޕް2013ގައި އެންމެ ފަހުގެ ޗެމްޕިއަން ރެޑް ލައިން ކްލަބާއި، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ކުޅުނު ފުރަތަމަ މެޗު ދެ ޓީމުންވެސް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު، ވީ ޔުނައިޓެޑާ ވާދަކޮށް ރެޑްލައިން ކާމިޔާބުކުރީ 96 ޕޮއިންޓުގެ ތަފާތުންނެވެ. އެ މެޗުގައި ރެޑްލައިން އިން 120 ޕޮއިންޓް ހޯދިއިރު ވީ ޔުނައިޓެޑަށް ހަމަކުރެވުނީ އެންމެ 24 ޕޮއިންޓެވެ.
މި މެޗުގައި ރެޑްލައިން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 22 ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލް އެވެ. އަދި ވީ ޔުނައިޓެޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، މެޗުގައި 9 ޕޮއިންޓް ހެދި މުހައްމަދު އިހްސާން އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ލީގު އުސޫލުން ކުޅޭ ދެބުރުގެ ތެރެއިން ފުރަތަމަ ބުރުގެ ހަތަރު ވަނަ މެޗުގައި ރޭ އެލްކިއު ސްޕޯޓްސް އަތުން ޑީއެސްސީ މޮޅުވީ 43 ޕޮއިންޓުގެ ތަފާތުންނެވެ. އެ މެޗުގައި ޑީއެސްސީއިން 88 ޕޮއިންޓް ހޯދައިގެން މޮޅުވިއިރު އެލްކިޔުއަށް ހޯދުނީ 45 ޕޮއިންޓެވެ.
މި މެޗުގައި ޑީއެސްސީއަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ރަޝްވާން އެވެ. އަދި އެލްކިއުއަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށްދިނީ މެޗުގައި 12 ޕޮއިންޓް ހޯދި އަހްމަދު ފައިސަލް އެވެ.
މި މުބާރާތުގެ މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ވާދަކުރާނީ ވީ ޔުނައިޓެޑާއި ބީޖީ ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8:30ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ހަރިކޭން ބީސީއާއި ޔޫތު ސްޕޯޓްސް ކްލަބެވެ.