08 Dec 2013, 14:02
މާލޭ ހުޅަނގު ދެކުނު ހާބަރު (އާ ހާބަރު) ސަރަހައްދު 25 އަހަރު ދުވަހަށް ތަރައްގީކޮށް ހިންގުމަށް ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ހިންގުމަށް ހައުސިން މިނިސްޓުރީއިން ހުއްދަދީފި އެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސްޓް ގޭޓަށް މާލޭ ހުޅަނގު ހާބަރު ސަރަހައްދު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ދީފައި ވީނަމަވެސް އެކަން ހުއްޓިފައި އޮތީ ސަރުކާރުން އެމައްސަލަ ކޯޓަށް ވެއްދުމުންނެވެ.
ސިޓީކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު މިއަދު "ސަން" އަށް ވިދާޅުވީ ބައެއް ބަދަލުތަކާއެކު އެ ޕްރޮޖެކްޓް އަނބުރާ ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓް ދެން ކުރިއަށް ގެންދާނީ ސަރުކާރުން ބުނެފައިވާ ކޮންޓުރޯލްތަކެއްގެ ތެރެއިން ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އުސޫލެއްގެ ގޮތުން އެބައޮތް ކޮންޓްރޯލްތަކެއް، އެގޮތުން އިމާރާތްކުރަންޖެހޭ އުސްމިންތައް ހިމެނޭ، ދެން ހައުސިން މިނިސްޓްރީ އިން އެގެންނަ ބަދަލުތަކަކާއެކު ކުރިއަށްދާނީ،" ސުޖާއު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަން އަށް ވިދާޅުވީ މިހާރު ހުއްދަ ދީފައިވަނީ އެ މިނިސްޓްރީގެ ޕްލެއިނިންތަކާއި ކޮންޓްރޯލްތަކާއި އެއްގޮތަށް ކުރެހުން ހަދައި މިނިސްޓްރީގެ ހުއްދަ ނަގައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެގޮތަށް ނިންމީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލް މެމްބަރު ސުޖާއު ވިދާޅުވީ ހުއްދަ ލިބުމާއެކު އެ ޕްރޮޖެކްޓު ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި އެމަސައްކަތް ފެށޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ.
ވެސްޓް ގޭޓަށް 25 އަހަރު ދުވަހަށް އާ ހާބަރު ސަރަހައްދު ދީފައިވާ ވަނީ ފޭސްތަކަކަށް ބަހާލައިގެން އެކުންފުނީގެ ހަރަދުގައި ތަރައްގީ ކުރުމަށެވެ.
ވެސްޓް ގޭޓް ކޮންސަލްޓަންޓް އިސްމާއިލް ފިރާގު ވިދާޅުވީ އެތަން ތަރައްގީކޮށް ނިމޭ އިރު ވަރަށް ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނާނެ ކަމަށެވެ. އެގޮތުން ރައްކާތެރިކަމާ އެކު މުދާ ގެންގުޅެވޭނެ ކަމަށާއި އަދި ޒަމާނީ ކެފޭތަކެއްގެ އިތުރުން ޕާކިން ޒޯންތައް ވެސް ހުންނާނެ ކަމަށެވެ. އަދި ޕެޓްރޯލް ޝެޑްތަކާއި ޝޮޕިން މޯލްތައް ހުނާނެ ކަމަށް ވިދާޅުވި އެވެ.