ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމާ މެދު ރައްޔިތުންގެ މަޖިލީޙުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާކޮމިޓީން ނިންމާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ވަޒީރުންނަށް ރުހުން ދޭން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ބާއްވާ އެ ކޮމިޓީގެ ޖަލްސާ މިމަހުގެ 23 ގެ 2:30 އަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އަލީ ވަހީދު މިއަދު ވިދާޅުވީ އެ ދުވަހު އެކަމާ މެދު ކޮމިޓީން ގޮތެއް ނިންމުމަށް ފަހު މަޖިލީހުގެ ރައީސަށް ފޮނުއްވާނެ ކަމަށެވެ.

އެކޮމިޓީން މިގޮތަށް ނިންމާފައިމިވަމީ މި މަހުގެ 23 ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ނިންމުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިދިޔަ ބުދަ ދުވަހު ވަނީ އަންގަވައިފި އެވެ.

ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ 15 ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު އެ ނަންފުޅުތައް ދިރާސާ ކުރުމުގެ މަސައްކަތް އެ ކޮމިޓީން ވަނީ ފަށައިފަ އެވެ.