ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން ދެ މިޑްފީލްޑަރުން ކަމަށްވާ އަލީފާސިރު (ސެންޓޭ)އާއި އަކްރަމް އަބްދުލްޣަނީ (އަކޫ) އޮމާންގެ ސޫރު ސްޕޯޓްސް ކްލަބަށް ގެންދަން އެޓީމުން މަސައްކަތް ފަށައިފި އެވެ.

ހުސްވި ސީޒަންގައި ނިއުއަށް ދިރާގު ދިވެހި ލީގާއި، އެފްއޭ ކަޕް ކާމިޔާބުކޮށްދިން އެޓީމުގެ ކުރީގެ ކޯޗް އޮމާން ޓީމާ ގުޅުމަށް ފަހު ބުނެފައިވަނީ، ނިއުގެ ބައެއް ކުޅުންތެރިން އޮމާނަށް ގެންދަން އޭނާ ބޭނުން ކަމަށެވެ.

ނިއުގެ ވެބްސައިޓްގައި މިއަދު ބުނެފައިވަނީ، އޮމާނުގެ ސޫރު ސްޕޯޓްސްއިން ސެންޓޭއާއި އަކޫ، ލޯން އެއްބަސްވުމެއްގެ ދަށުން ފަސް މަސްދުވަހުގެ މުއްދަތަށް އެޓީމަށް ގެންދަން ބޭނުންވާ ކަމަށް އެދިފައިވާ ކަމަށެވެ.

"އޮމާންގެ ސޫރު ސްޕޯޓްސް އިންވަނީ، އަންނަ ޖެނުއަރީން ފެށިގެން މޭމަހުގެ ނިޔަލަށް އެގައުމުގެ ފުޓްބޯޅަ ސީޒަން ނިމެންދެން، އަކްރަމް އަބްދުލްޣަނީއާއި އަލީފާސިރު، އެޓީމަށް ދޫކޮށްދިނުމަށް އެދިފައި،" ނިއުއިން ބުނެފައި ވެއެވެ.

ނިއުއާ އެކު މިހާރު ވެސް ދެއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ތިބި ސެންޓޭއާއި އަކޫ، މީގެ ކުރިން ސަން އަށް ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ ޓީމަކުން ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ފުރުސަތުގެ ބޭނުން ހިފާނޭ ކަމަށެވެ.
"ރާއްޖޭގެ ކްލަބްކަށް ކުޅޭނަމަ ފެންނާނީ، ހަމަ ނިއުއިން. އެކަމަކު ބޭރުގެ ރަނގަޅު ކްލަބަކުން ފުރުސަތު ލިބިއްޖެނަމަ އެކަމާ ކްލަބާ މަޝްވަރާކުރާނަން،" އަކޫއާއި ސެންޓޭ ބުންޏެވެ.

ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) މީގެ ކުރިން ސަން އަށް ވިދާޅުވެފައިވަނީ، އެ ކްލަބްގެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ކުޅުންތެރިންގެ ކުރިއެރުމަށް ނިއު އިން އެކަމަށް ހުރަސް ނާޅާނޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، ހުރިހާ ކުޅުންތެރިންނަށް ވެސް ރަނގަޅު ގޮތް ހަދައިދޭން. ނިއުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރިއަށް ދާނޭ ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ އަޅުގަނޑުމެން މިތިބީ އެ ކުޅުންތެރިންނަށް އެ ފުރުސަތު ތަނަވަސް ކޮށްދޭން،" ބަލަކް ކުރިން ވިދާޅުވި އެވެ.

ޕޮޕޯފްގެ އިރުޝާދުގެ ދަށުން ތާރީޚީ ރެކޯޑް ސީޒަނެއްގެ ގޮތުގައި ނިމިގެންދިޔަ ފުޓްބޯޅަ ސީޒަން ނިއުއިން ނިންމާލިއިރު، ޕޮޕޯފް އަލަށް ހަވާލުވި ސޫރު، އޮމާންގެ ލީގު ތާވަލުގެ ނުވަ ނަވައިގައި އޮއްވައި، މިހާރު ބަލްގޭރިޔާ ކޯޗުގެ އިރުޝާދުގެން ދަށުން އެޓީމު ވަނީ، ލީގުގެ ދެވަނައަށް ޖެހިލައިފަ އެވެ.

ސޫރު ސްޕޯޓްސް އިން ނިއުގެ ދެ ކުޅުންތެރިން ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެޓީމުން ބުނެފައިވަނީ "ޓްރާންސްފާ ރިކުއެސްޓަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ވަރަށް ރަނގަޅު ހަބަރެއް،" ކަމަށެވެ. އަދި ޗެއާމަން ބަލަކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "މިއީ ނިއުއަށް ލިބުނު އަނެއް ކުރިއެރުން،" ކަމަށެވެ.

ނިއު އިން އިތުރަށް ބުނީ، އެޓީމުގެ މުހިއްމު ދެކުޅުންތެރިން ދޫކުރުމާ މެދު ގޮތެއް ނިންމާނީ ކްލަބުގެ ބޯޑުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.