މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013" ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މަޓާޓޯގެ ރައީސް މުހައްމަދު ހަލީލު މިއަދު ސަން އަށް ވިދާޅުވީ ދަރުބާރުގޭގައި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހު އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި ބޭއްވުމަށް ހަމަޖެއްސި ރަސްމިއްޔާތުގެ ހުރިހާ ތައްޔާރީތަކެއް ނިމިފައި ވަނިކޮށް މޫސުން ގޯސްވެގެން ކެންސަލް ކުރަން ޖެހުމުން ކަމަށެވެ. އަދި ކުރިއަށް އޮތީ ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށް ބެލޭތީ ދެވަނަ ފަހަރަށް އެހާ ބޮޑު ރިސްކެއް ނަގަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން ފަހަރުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ދައުވަތުދީފައިވާ މެހެމާނުން އައިސް ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް އެވޯޑް ކެންސަލް ކުރަންޖެހުނީ. އަނެއްކޮޅުން ރަސްމިއްޔާތު ފެށޭތޯ ދެ ތިން ގަޑިއިރު މެހެމާނުން މަޑުކުރަން ޖެހުނު. އެހެންވެ އެ މާސްޔޫސްކަން ދެވަނަ ފަހަރަށް ކުރިމަތިވެދާނެތީ މާލޭގެ އިންޑޯއެއްގައި ރަސްމިއްޔާތު ބާއްވަން ނިންމީ. މިހާރު މިބަލަނީ ދަރުބާރުގެ ލިބޭތޯ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު އެވޯޑް މާލޭގައި ބޭއްވުމަށް ނިންމީ އިންޑޯތަނެއްގައި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވަން ބަލާއިރު އެފަދަ ބޮޑު އިންޑޯއެއް ރިސޯޓަކުން ހޯދަން ދަތިވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަސްމިއްޔާތު ބާއްވާނެ ސީދާ ތާރީހެއް އަދި ކަނޑައެޅިފައި ނެތް ނަމަވެސް މިމަހުގެ ތެރޭގައި އެ ރަސްމިއްޔާތު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓްރެވަލް ޓެކްނޯލޮޖީ، ސީއެސްއާރު އަދި މުޅިން އަލަށް އިތުރު ކުރެވުނު އެންޑް ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ. އެ ކެޓަގަރީތައް 23 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މިފަހަރު އަލަށް ތައާރަފް ކުރި ކެޓަގަރީތަކާ އެކު 23 ކެޓަގަރީއެއް ހިމެނޭ އިރު އެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 116000 މީހުން ވޯޓު ދީފައިވެ އެވެ.