ފަސޭހަކަމަށް އަހައްމިއްޔަތުކަން ބޮޑުވަމުން އަންނަ މި ޒަމާނުގައި ކޮމްޕިއުޓަރާ އަދި އެހެންވެސް ގިނަ އިލެކްޓްރޯނިކް ސާމާނު ގުޅާލުމަށް އަބަދުމެ ބޭނުންކުރާ “ޔުނިވާސަލް ސީރިއަލް ބަސް” ނުވަތަ ޔޫއެސްބީ ފަރުމާކޮށްފައިވާ ގޮތުން ކަނެކްޓަރު ގުޅަންވާ ގޮތް ހޯދަންޖެހުން ވަނީ ގިނަ ބަޔަކަށް އުނދަގުލަކަށް ވެފައެވެ.

ނަމަވެސް، ދުނިޔޭގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މައިކްރޯސޮފްޓް، ހިއުލެޓް ޕެކާޑް (އެޗްޕީ) އަދި އިންޓެލް ހިމެނޭ ޔޫއެސްބީ 3.1 ޕްރޮމޯޓަރ ގްރޫޕުން ދާދިފަހުން ހާމަކުރިގޮތުގައި އަލަށް ތައާރަފް ކުރެވޭ ޔޫއެސްބީ ކަނެކްޓަރަކީ މިހާރު ބޭނުންކުރާ ކަނެކްޓަރަށް ވުރެ ހިމަ، އަދި ދެކޮޅަށް ވެސް ކަނެކްޓް ކުރެވޭ (ރިވާސިބަލް) ކަނެކްޓަރެކެވެ.

އެ ގްރޫޕުން ބުނީ ޓައިޕް-ސީގެ ނަން ދެވިގެން ހަދަމުން އަންނަ މި ކަނެކްޓަރުން ސިކުންތަކު 10 ގިގަބައިޓް ޓްރާންސްފާ ކުރެވެއެވެ. މިހާރު އާއްމުކޮށް ބޭނުންކުރާ ޔޫއެސްބީ 3.0 އިން ޓްރާންސްފާކުރެވެނީ ސިކުންތަކު 4 ނުވަތަ 5ޖީބީ އެވެ.

ޔޫއެސްބީ 2.0 އާއި 3.1 ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް، އެޕަލްގެ ލައިޓްނިން ކޭބަލްއާ ވައްތަރުވާ ގޮތަށް ފަރުމާކޮށްފައިވާ މި ޓައިޕް-ސީ ކަނެކްޓަރު، މިހާރު ބޭނުންކުރާ ކޮމްޕިއުޓަރުތަކާ ޕޯޓުތަކަކަށް ނުޖެހޭނެއެވެ. ނަމަވެސް މި އާ ކަނެކްޓަރު ބޭނުންކޮށްގެން ކުރިން ނުކުރެވޭ އެތައް ޑިވައިސްތަކެއް ޗާޖުކުރެވޭނެ ކަމަށް ޔޫއެސްބީ 3.1 ޕްރޮމޯޓާ ގްރޫޕުން ބުނެއެވެ.

“މި އާ ޓައިޕް-ސީ ކަނެކްޓަރު ވެގެންދާނީ މިހާރުގެ ބާޒާރު ކުރިއަށްދާން ބޭނުންވާ މިސްރާބަށް ފެތޭ، އަދި ޔޫއެސްބީގެ ކުރިމަގަށް އެޅޭ ބިންގަލަކަށް،” ޔޫއެސްބީ 3.0 ޕްރޮމޯޓަރ ގްރޫޕުގެ ޗެއާމަން ބްރެޑް ސޯންޑާސް ބުންޏެވެ.

އެ ގްރޫޕުން ބުނީ ޓައިޕް ސީ ކަނެކްޓަރު މާކެޓަށް ނެރެވޭނީ 2014ގެ މެދުތެރޭގައި ކަމަށެވެ.